ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ގިޔާސުއްދީން ސްކޫލްގައި ރޭ ބާއްވަން އުޅުނު ޖަލްސާއަށް ހުރަސް އެޅުމަށް އެސްއޯ ފުލުހުން އެތަނަށް ފޮނުވި މައްސަލައާ ގުޅޭ ތަހުގީގު ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފައްދާ ޖަލްސާގެ ތައްޔާރީތައްވެ، ޖަލްސާއަށް މީހުން ވަންނަމުން ދަނިކޮށް އެސްއޯ ފުލުހުން އެތަނަށް ގޮސް، ސްކޫލުގެ ގޭޓު ބަންދުކޮށް ޖަލްސާއަށް ހުރަސް އެޅުމުން އެތަނުގައި ހަމަނުޖެހުންތަކެއްވެސް ހިނގިއެވެ.

އެ މައްސަލާގައި ފުލުހުން ބުނީ، އެ ޖަލްސާއަށް ހުރަސް އެޅީ ގިޔާޒުއްދީން ސްކޫލުގައި ޖަލްސާ ބޭއްވުމަށް ދޫކުރި ހުއްދަ ބާތިލުކޮށްފައިވާތީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށް ކަމަށެވެ. ނަމަވެސް އެކަން ކުރީ ރައީސްގެ ސިޔާސަތުތަކާއި އިރުޝާދުތަކާ ހިލާފަށް ކަމަށްވާތީ އެކަމުގެ ތަހުގީގެއް ހިންގުމަށް ރައީސް ރޭ ވަނީ ފުލުހުންނަށް އަންގަވައިފައެވެ.

ރައީސް އޮފީހުން މިރޭ ބުނިގޮތުގައި އެކަމާ ގުޅޭ ތަހުގީގު ރިޕޯޓް މިއަދު ރައީސަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އެ މަނިކުފާނު އަޅުއްވާނެ ކަމަށެވެ.