މާލެ ސަރަހައްދަށް އިހުސާސް ކުރެވޭ ހޫނުމިން މީގެ ކުރިން ދުވަހަކުވެސް ނުދާހާ މައްޗަށް މިއަދު ގޮސްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީ ސެންޓަރުން ބުނެފައިވާ ގޮތުން މިއަދު މެންދުރުފަހު 2 ޖެހި އިރު މާލެ ސަރަހައްދަށް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 48.4 ޑިގްރީ ސެލްސިއަސްގަ އެވެ. އެއީ ރެކޯޑް އަދަދެކެވެ. މިދިޔަ ހަފްތާގައި މާލެ ސަރަހައްދަށް އިހުސާސް ކުރެވޭ ހޫނުމިން 46 ޑިގްރީއަށް އެރި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީ ސެންޓަރުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިހުސާސް ކުރެވޭ ހޫނުމިން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް 40 ޑިގްރީ ސެލްސިއަސް އިން މަތީގައެވެ. ނަމަވެސް ވައިގެ ފިނިހޫނުމިން އުޅެނީ 32.2 ޑިގްރީ އާއި 33.6 ޑިގްރީއާ ދެމެދުގައެވެ.
އެ ސެންޓަރުން ބުނާ ގޮތުން މި ދުވަސްވަރަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
މީޓިއޮރޮލޮޖީ ސެންޓަރުން ބުނީ ދުވަހުގެ ހޫނުމިން އާންމު ގޮތެއްގައި އެންމެ މައްޗަށް ދާނީ މެންދުރުކުރި 11:00 އިން މެންދުރުފަހު 3:00 އާ ދެމެދު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު