ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ގިޔާޒުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާއަށް އެސްއޯ ފުލުހުން ގޮސް ހުރަސް އެޅީ އެ މަނިކުފާނުގެ އެންގެވުމާ ހިލާފަށް ކަމަށާއި އެކަމުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފައްދާ ޖަލްސާގެ ތައްޔާރީތައްވެ، ޖަލްސާއަށް މީހުން ވަންނަމުން ދަނިކޮށް އެސްއޯ ފުލުހުން އެތަނަށް ގޮސް، ސްކޫލުގެ ގޭޓު ބަންދުކޮށް ޖަލްސާއަށް ހުރަސް އެޅިއެވެ. އެކަމާ ގުޅިގެން ޖަލްސާއަށް ނުދެވުނު ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުމެއްވެސް ހިންގިއެވެ.

މުލިއާގޭގައި މިއަދު ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި މީގެ ކުރީގައި ވެރިން ގެންގުޅުއްވި ސިޔާސީ ބަދަލުހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެ ކަމާއި ސިޔާސީ ހިޔާލު ފާޅުކޮށްގެން އަދަބު ނުދެއްވާނެ ކަމާއި ސިޔާސީ ބޭފުޅުން ފުލުހަށް ހާޒިރުކުރުން ތަކުރާރު ނުކުރައްވާނެ ކަމަށް ވައުދުވެފައިވާނެ ކަމަށެވެ.

އަދި ސިޔާސީ ގޮތުން ވަކި މީހަކަށް ގޯނާއެއް ކުރާކަށް ނުވަތަ އުދަނގުލެއް ކުރާކަށް އެ މަނިކުފާނުގެ ފަރާތުންނާއި ސަރުކާރުގެ އެއްވެސް ހިސާބަކުން އެންގުމެއް ނާންނާނެ ކަމާއި އެފަދަ އެންގުމެއް ގޮސްފި ނަމަ އެ މަނިކުފާނު އިސްވެ ފިޔަވަޅު އަޅާނެ ވާހަކަ ހޯމް މިނިސްޓަަރާއި ކޮމިޝަނަރު އޮފް ޕޮލިސް އަދި ފުލުހުންނަށްވެސް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ފަރާތުން އެހާ ސާފުކޮށް އިރުޝާދު ދެއްވާފައި ވަނިކޮށް ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަން އެ މަނިކުފާނަށް އެނގިވަޑައިގަތުމުން އެކަމާ ގުޅިގެން ހޯމް މިނިސްޓަރާއި ކޮމިޝަނަރު އޮފް ޕޮލިހަށް ވަގުތުން ގުޅުއްވައި ސުވާލު ކުރައްވައި، އެކަމުގެ ތަހުގީގެއް ހިންގެވުމަށް އަންގަވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ޕޯޓް މިއަދު އިރުއޮއްސުމުގެ ކުރިން ތައްޔާރުކޮށް ފޮނުއްވުމަށް އަންގަވާފައިވާނެ ކަމަށާއި އެ ރިޕޯޓަށް ބެއްލެވުމަށްފަހު ފިޔަވަޅު އަޅަން ޖެހުނު ކޮންމެ ބަޔަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"މިއަދު އިންވެސްޓިގޭޝަން ރިޕޯޓް ހޯދާފައި އެކަން ކުރި ބަޔަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން ފުލުހުންގެ މުއަައްސަަސާއަށް އަނބުރާ އިތުބާރު ގެންނަން ބޭނުންވޭ، އަޅުގަނޑުގެ ސަރުކާރަށް އިތުބާރު އޮންނަން ބޭނުންވޭ". ރައީސް ވިދާޅުވިއެވެ.

ރޭ ހިނގި ކަންކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޕާން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޖަލްސާއަށް އެ އިދާރާ އިން ހުރަސް އެޅީ އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދިޔައީ ހުއްދަ ދެވިފައިނުވާ އެއްވުމެއް ކަމަށް އެ ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް އެންގުމުން، އެކަން ތަންފީޒު ކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދުމުން ކަމަށެވެ.