މިއަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ 2024 އަށް ދާ ޓީމުތަކުގެ ސްކޮޑުގައި ޖެހޭ ކުޅުންތެރިންގެ އަދަދު 26 އަށް އިތުރުކުރަން މަޝްވަރާކޮށްފިއެވެ.
ޔޫރޯގެ ތައްޔާރީތަކަށް ޔޫއެފާއިން ވަނީ ޔޫރޯއަށް ދާ ޓީމުތަކުގެ ކޯޗުންނާއި ޓެކްނިކަލް ޓީމުތަކާއެކު ދާދިފަހުން މަޝްވަރާކޮށްފައެވެ. ކޯޗުންނާ މަޝްވަރާކުރުމަށް ޖަރުމަނުގެ ޑުސެލްފޯޑުގައި ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޔޫއެފާއިން ވަނީ ސްކޮޑު ސައިޒް އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ. އެ ހިޔާލަކީ ގައުމުތަކުގެ ޓެކްނިކަލް ޓީމުތަކުން ހުށަހަޅާފައިވާ ހިޔާލެކެވެ. އެކަން ފައިނަލް ކުރާނީ އަދި ބައެއް މަޝްވަރާތަކަށްފަހުއެވެ.
"ޔޫއެފާއިން ވަނީ ގައުމުތަކުން ހުށަހެޅި ބައެއް ހުށަހެޅުންތަކަށް ވާހަކަ ދައްކައި، ބަދަލުތަކެއް ގެންނަން ވިސްނާފައި. އޭގެ ތެރެއިން އެއް ކަމަކީ ސްކޮޑުގެ އަދަދު. އެކަމަށް އެންމެފަހުގެ ޖަވާބެއް ދޭނީ އަދި ބައެއް މަޝްވަރާތަކަށްފަހު، ދެތިން ހަފުތާއެއްގެ ތެރޭގައި،" ޔޫއެފާއިން ބުނެފައިވެއެވެ.
އެންމެފަހުން ބޭއްވި ޔޫރޯ 2020 ވަނަ މުބާރާތާ ހަމައަށް، ޔޫރޯއަށް ދާ ޓީމުތަކަށް ޓީމު ސްކޮޑުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. 2021 ވަނަ އަހަރު ބޭއްވި، ޔޫރޯ 2020ގެ ދުވަސްވަރަކީ ކޮވިޑް 19 ގެ ދުވަސްވަރު ކަމަށްވުމުން، އެފަހަރު ޔޫއޭފާއިން ވަނީ މުބާރާތުގެ ސްކޮޑުގައި 26 ކުޅުންތެރިން ހިމަނަން ފުރުސަތު ދީފައެވެ. އެހެން ނަމަވެސް، އެފަހަރުވެސް މެޗު ސްކޮޑުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. 26 ކުޅުންތެރިން ސްކޮޑުގައި ހިމަނަން އެފަހަރު ފުރުސަތު ދިނީ ކޮވިޑުގެ ހާލަތެއްގައި ބަދަލުކުރެވޭނެ ފުރުސަތެއް ހޯދައިދިނުމަށެވެ.
ޔޫއެފާއިން ބުނީ ސްކޮޑުތައް ބޮޑުކުރަން ގިނަ ގައުމުތަކަކުން ތާއިދުކުރާ ނަމަވެސް، ބައެއް ގައުމުތަކުން އެކަމާ ދެކޮޅު ކަމަށެވެ. އެއީ އިތުރު ތިން ކުޅުންތެރިން ސްކޮޑުގައި ހިމެނުމުން ކޯޗުންނަށް ތަމްރީނުތަކުގައި އުނދަގޫތައް ދިމާވުމާއި، އޭގެ ސަބަބުން ފައިސާގެ ގޮތުން ސްކޮޑުތަކަށް ކުރަން ޖެހޭ ހޭދަ ބޮޑުވުންވެސް ހިމެނޭތީއެވެ.
އެންމެފަހުން ބޭއްވި ޔޫރޯގެ ޗެމްޕިއަން ޓީމަކީ އިޓަލީއެވެ. އެފަހަރު އިޓަލީން ފައިނަލުގައި އިންގްލެންޑް ބަލިކުރީ ވެމްބަލީ ދަނޑުގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024