ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެެފް) އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ފުލުހުން ހުރަސް އަޅައިފިއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދިނުމާއެކު، އެ ޕާޓީ އުފެއްދުމުގެ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އުޅުނީ ރޭގައެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުނު ކަމަށް ބުނެ ޖަލްސާ މިރެއަށް ފަސްކުރިއެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި މިރޭ 9:00 ގައި ބޭއްވުމަށް ނިންމި ޖަލްސާއަށް ތައްޔާރުވެގެން ޕީއެންއެފްގެ އިސް ބޭފުޅުންވެސް ގިޔާސުއްދީން ސްކޫލަށް ވަޑައިގެންފައިވަނިކޮށް ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް ޖަލްސާއަށް ހުރަސް އަޅައިފައެވެ.

ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން އެ ޕާޓީ އުފެއްދުމުގެ އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާ ބޭއްވުމަށް ގިޔާސުއްދީން ސްކޫލުގެ މެނޭޖުމެންޓުން ހުއްދަ ނަގައި، އެކަމުގެ ޕޭމަންޓްތައްވެސް ހަދާފައިވާ ކަމަށާއި ޖަލްސާއަށް އެ ސްކޫލުގެ ހޯލު ބޭނުން ކުރުމުގެ ހުއްދަ އޮތީ ލިބިފައި ކަމަށެވެ.

"މިއީ މަދަނީ މައްސަލައެއް. މި ތަނަށް ފުލުހުންނާއި ސިފައިން ވަންނާކަށް ނުޖެހޭ. މި އޮތީ އެގްރީމެންޓް އަޅުގަނޑުމެން އަތުގައި ސްކޫލުން ދިން. މި ޖަލްސާ ބޭއްވުމަށް ހުރަސް އެޅުމަކީ ގައިރު ގާނޫނީ ކަމެއް" މަލީހު ވިދާޅުވިއެވެ.

ޕީއެންއެެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅި އިރު، އެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޕީއެންއެފްގެ ޖަލްސާއަށް ހުރަސްއެޅި މައްސަލާގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޕާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން، އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަ ދީފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލް ރައްކާތެރިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.

އަދި އެކަން ތަންފީޒު ކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރި ކަމަށް އެދިފައިވާތީ، އެ ސްކޫލުގައި މި ވަގުތު ކުރިއަށްދާ އެއްވުން ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން އެ ޖަލްސާ ހުއްޓުވި އިރު، އެ ސަރަހައްދުގައި އީސީގެ އޮފިޝަލުންވެސް ތިއްބެވެ. އަދި ޕީއެންއެފްގެ ސަޕޯޓަރުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށާއި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލަމުންނެވެ.