ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ މާލޭގައި އީދު ފާހަގަ ކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އީދުގެ ފުރަތަމަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.
އެ ގަޑިތަކުގައި އުޅަނދު ދުއްވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި ނަމަވެސް އެމެޖެންސީގައި ހަރަކާތްތެރިވާން ޖެހޭ އުޅަނދުތަކަށް ހާއްސަ ހުއްދައެއްގެ ދަށުން ހަރަކާތްތެރިވެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
"މަތީގައި ދެންނެވިފައިވާ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ މި ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ ބައިން އެފަދަ ހިދުމަތްތައް ދޭ ވެހިކަލްތަކަށް އީދު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00އަށް ދޫކުރާނެ ވާހަކަ ދެންނެވީމެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ ކުރިންވެސް އީދު ދުވަހުގެ ފުރަތަމަ ދުވަހުގެ ހަވީރު ވަގުތަކީ އުޅަނދު ދުއްވުން މަނާ ވަގުތުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އެ ވަގުތުތަކުގައި އުޅަނދު ދުއްވުން މަނާކުރަނީ އުމުރުން ދޮށީ މީހުންނަށާއި ކުޑަކުދިންނަށް އާއިލާއާއެކު ފައިމަގުގައި އުޅެ އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު