ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަކީ ލާމު އަތޮޅުގެ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ބައްޕާފުޅު އަދި ރައީސްގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲގެ ކެމްޕެއިން ބައްދަލުވުމުގައި ރޭ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، މި ސަރުކާރާއެކު ލާމު އަތޮޅާއި އެ އަތޮޅުގެ ރައްޔިތުން ބާކީކުރުން ނިމުމަކަށް އައިސްފައިވާ ކަމަށާއި ރާއްޖޭގެ ސިޔާސީ ބާރުވެރިކަން ލާމު އަތޮޅަށް ފޯރާފައިވާ ކަމަށެވެ. އެގޮތުން ރައީސްގެ ހާއްސަ މުޝީރަކީ ލ. އަތޮޅުގެ ބޭފުޅެއް ކަމަށާއި އެ މަނިކުފާނުގެ އިތުރުން ފިނޭންސް މިނިސްޓަރަކީވެސް ލާމަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

"މި ސަރުކާރު ދެމެހެއްޓުމަކީ ލާމު އަތޮޅުގެ ރައްޔިތުންގެ މައްޗަށް ލާޒިމުކަމެއް. އެހެންވީމާ ވަރަށް މަސައްކަތް ކޮށްދެއްވާ!" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލާމު އަތޮޅުގެ ހަތަރު ގޮނޑި ސަރުކާރަށް ހޯދައިދޭންޖެހޭ ކަމަށާއި ލާމަކީ ވަކި ބައެއްގެ ތަނެއްގެ ގޮތުގައި އޮތް އޮތުން މިދިޔަ ރިޔާސީ އިންތިހާބާއެކު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ލިބިގެން ނޫނީ ސަރުކާރު ދަަމަހައްޓަން އުނދަގޫވާނެ ކަމަށް ވިދާޅުވިއެވެ.

"ލާމު އަތޮޅަށް ޓޫރިޒަމް ގެނެވޭނީވެސް ލާމު އަތޮޅުގައި ހައުސިން ޔުނިޓް އެޅޭނީވެސް އަދި ލާމަށް ދެން ބޭނުންވެފައި ހުރި ތަރައްގީގެ މަޝްރޫއުތައްވެސް ގެންދެވޭނީ ލާމުގެ ހަތަރު ގޮނޑި ސަރުކާރަށް ލިބިގެން،" ފައިސަލް ވިދާޅުވިއެވެ.