ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ފައިނަލްގެ ފުރަތަމަ ޖާގަ، މުއިވެޔޮ ފްރެންޑްސްއިން ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި މުއިވެޔޮއިން ދިވެހި ސިފައިން ކްލަބު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަކޮށް މެޗު ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)ގެ ކެޕްޓަންކަމުގައި ކުޅޭ މުއިވެޔޮއާ ދެކޮޅަށް ފައިނަލުގައި ކުޅޭ ޓީމެއް ކަނޑައަޅާނީ މިއަދު ހަވީރު ކުޅޭ ދެވަނަ ސެމީ ފައިނަލް މެޗުންނެވެ. ދެވަނަ ސެމީ ފައިނަލުގައި ކުޅޭނީ މިދިޔަ އަހަރުގެ ފައިނަލުގައިވެސް ކުޅުނު ދެ ޓީމެވެ. އެއީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި މިދިޔަ ދެ އަހަރުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބެވެ.

އިއްޔެގެ ސެމީ ފައިނަލް މެޗު ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، ގޯލެއް ޖަހަން މުއިވެޔޮއިން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އެ ގޯލު މުއިވެޔޮއަށް ޖަހައިދިނީ އަބްދުﷲ ސުޖާއު (ސުޖާ) އެވެ. ސުޖާއަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޓީމުގެ ކެޕްޓަން ހުސައިން މުހައްމަދު ލަތީފެވެ.

ދަ ގްރާންޑޭ އާއި ހުޅުމާލެ ވެޓެރަންސް ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗު އޮންނާނީ މިއަދު ހަވީރު 4:10 ގައެވެ.