މިދިޔަ ތިން ދުވަހުގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އެކިއެކި އޮޕަރޭޝަންތަކުގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިން ދުވަހުގެ ތެރޭގައި ހިންގި އިންޓެލިޖެންސް ލެޑް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންތަކުގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެ ތަކެތީގެ މަގުމަތީގެ އަގު 21.6 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ތަކެތި އަތުލައިގަތީ ކޮންތަނަކުން ކަމެއް އަދި އެ މައްސަލާގައި ބަޔަކު ހައްޔަރުކުރި ކަމެއް ވިދާޅެއް ނުވެއެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން އަޅުގަނޑުމެންގެ އަމާޒަކީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް. ފުލުހުންނާއި ކަސްޓަމްސްގެ މި މަސައްކަތަށް ފަހުރުވެރިވަން،" އޭނާ ވިދާޅުވިއެވެ.