އެމްޕީއެލް އިން ބޯޓު ފަހަރުން ނަގާ ސްޓީވްޑޯރިން ފީ އަލުން ޑޮލަރުން ނަގަން ފަށައިފި އެވެ.

ސްޓީވްޑޯރިން ފީއަކީ ޕޯޓުތަކުން ބޯޓުފަހަރުން، ކޮންޓެއިނާތައް އެރުވުމަށާއި ބޭލުމަށް ބޯޓުތަކުގެ އޭޖެންޓުންގެ އަތުން ނަގާ ފީ އެކެވެ.

އެމްޕީއެލް އިން 2011 ވަނަ އަހަރާ ހަމައަށް އެޖެންޓުންގެ އަތުން ފީ ނަގަމުން ދިޔައީ ޑޮލަރުންނެވެ. ނަމަވެސް އެއިރުގެ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާއެކު އެޖެންޓުންގެ އަތުން ނަގާ ފީ ނަގަން ފެށީ ރުފިޔާއިންނެވެ.

އެމްޕީއެލްއިން ސްވީވްޑޯރިން ފީ އަލުން ޑޮލަރުން ނަގަން ފަށާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ސްޓީވްޑޯރިން ފީގެ ގޮތުގައި 20 ފޫޓުގެ ކޮންޓެއިނާއަކުން 195 ޑޮލަރު ނަގާއިރު، 40 ފޫޓުގެ ކޮންޓެއިނަރަކުން ނަގަނީ 211 ޑޮލަރެވެ.

އެމްޕީއެލްގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މުއިއްޒު ވިދާޅުވީ، ސްޓީވްޑޯރިން ފީ އަލުން ޑޮލަރުން ނަގަން ނިންމީ، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރު ކްރައިސިސް ހައްލުކުރަން އެމްޕީއެލުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެ ކުންފުނިން ބޭރުން ގަންނަ ބައެއް ތަކެތި ޑޮލަރުން ގަންނަން ޖެހޭތީ ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.

"ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަން ފެށުމުން، ކުންފުނީގެ ބޭނުންތަކަށް ބޭނުންވާ ޑޮލަރުގެ އިތުރުން ސަރުކާރަށްވެސް ޑޮލަރު ފޯރުކޮށްދެވޭނެ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ޝިޕް އޭޖެންޓުން ވިޔަފާރިވެރިންގެ އަތުން ކޮންޓެއިނާ އުފުލުމަށް ނަގާ ފީ މިހާރުވެސް ނަގަނީ ޑޮލަރުން ކަމަށެވެ. އޭގެ ތެރޭގައި ސްޓީވްޑޯރިން ފީވެސް ޑޮލަރުން ހިމެނޭއިރު ސްޓީވްޑޯރިން ފީއަށް ވާ ފައިސާ އެޖެންޓުތަކުން ކަޅުބާޒާރަށް ގޮސް މާރުކޮށް އެމްޕީއެލްއަށް ފީ ދައްކަނީ ފައިސާއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހެންވުމުން، ކަޅު ބާޒާރުގައި ދިވެހި ރުފިޔާގެ އަގު ޑީވެލިއުވޭ ވަރަށް ބޮޑަށް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަން ފެށުމުން އަހަރެއްގެ މައްޗަށް އެމްޕީއެލްއަށް ސްޓީވްޑޯރިން ފީގެ ގޮތުގައި 25 މިލިއަން ޑޮލަރު ވަންނާނެ ކަމަށެވެ.

"އޭގެ ތެރެއިން އެމްޕީއެލްގެ ބޭނުމަށް 15 މިލިއަން ޑޮލަރު ބޭނުންކޮށްފައި ބާކީ ހަމަ ބޭންކިން ނިޒާމުގެ ތެރޭގައި ރޯލްވާނީ" މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮންޓެއިންނާ އުފުލާ އުޅެނީ މައިގަނޑު ދެ ޝިޕް އޭޖެންޓުންނެވެ. އެއީ އެމްއެސްއެސް އާއި ލަންކާގެ ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން (ޓީޓީއެސް) ކުންފުންޏެވެ.