ތުރުކީ ސުޕަ ލީގުން ވަކި ނުވާން ފެނަބާޗޭއިން ނިންމައިފިއެވެ.

މިދިޔަ މާޗު މަހު، ފެނަބާޗޭގެ ކުޅުންތެރިންނަށް، ޓްރަބްޒޮންސްޕާ ސަޕޯޓަރުން ދަނޑަށް އަރައި ވަނީ ހަމަލާ ދީފައެވެ. އެ މައްސަލައިގައި ތުރުކީގެ ފުޓުބޯޅަ ވެސް ހުއްޓާލާފައިވާ އިރު، 19 ފަހަރުގެ ޗެމްޕިއަން ފެނަބާޗޭން ވަނީ ތުރުކީ ލީގުން ވަކިވާން ވިސްނާ ކަމަށްވެސް ބުނެފައެވެ.

"އަހަރެމެންގެ ހުރިހާ މީޓިންއަކުންވެސް ނިންމީ، ލީގުން ވަކިވުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫންކަން. އެއީ އެންމެ ރަނގަޅު ގޮތެއް ނޫންކަންވެސް ނިންމުނު. އެހެންވީމަ ލީގުން ވަކިވުމަކީ މިހާރު އަހަރެމެންނަށް އޮޕްޝަނެއް ނޫން،" ފެނަބާޗޭ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ފެނަބާޗޭ އާއި ޓްރަބްޒޮންސްޕާއާ ދެމެދު ލީގުގައި ކުޅުނު މެޗުގައި މަސްލަހަތު ގޯސްވީ 87 ވަނަ މިނެޓުގައި މިޗީ ބަޓްސްޗުއާނީ ގޯލެއް ޖެހުމާއެކުގައެވެ. އެ ގޯލު ޖެހުމާއެކު މެޗު ހޫނުވެ، ދަނޑަށް އެއްޗެހިވެސް އުކާފައިވާ އިރު، ދަނޑަށް ސަޕޯޓަރުން އަރައި ހަމާލާ ދޭން ފެށިއެވެ.

ދަނޑަށް ސަޕޯޓަރުން އެރުމާއެކު ނައިޖީރިއާގެ ވިންގް، ބްރައިޓް އޮސާޔީ-ސަމެއުލް ވަނީ ޓްރަބްޒޮންސްޕާގެ ބައެއް ސަޕޯޓަރުންނަށް ހަމަލާ ދީފައެވެ. އަދި ބަޓްސްޗުއާއީ ވަނީ ސަޕޯޓަރަކަށް ހަމަލާ ދޭން ފައިން ކިކެއް ޖަހަންވެސް މަސައްކަތް ކޮށްފައެވެ.