ފުވައްމުލައް ސިޓީގައި ރޭ ނުރައްކާތެރި ހިނގި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ފުވައްމުލަކު ދޫނޑިގަން އަވަށުގައި އެ އެކްސިޑެންޓް ހިނގީ އޭނާ ދުއްވަން އިން ސައިކަލު ކޮންޓްރޯލް ނުވެ، ޒިބްރާ ކްރޮސްގެ ޕޯސްޓް ދަނޑީގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 32 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ފުވައްމުލަކު ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިނުމަށް ފަހު، ރޭ ފަތިހު އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ، އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.

އެ އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.