ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެރިކަންކުރެއްވި ބޭފުޅުންނަށް އެހެން ވެރިޔަކު ވެރިކަން ކުރައްވާ މަންޒަރު ހަޖަމުނުވުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދުދެއްވައިފިއެވެ.

މިނިސްޓަރު ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިމިވަނީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ޔާމީން ވިދާޅުވެފައިވަނީ، މި ސަރުކާރުން ކޮންމެ މަޝްރޫއެއް ވެސް ފެށުމަށްފަހު ހުއްޓާލަނީ ކަމަށާއި ޑޮލަރުގެ އަގު މައްޗަށް ނުގޮސް ހިފެހެއްޓެނީ އެހެންވުމުން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ސައީދު އެކަމަށް ރައްދުދެއްވަމުން ވިދާޅުވީ ޑޮލަރުގެ އަގު އަދިވެސް ދާނީ ދަށަށް ކަމަށާއި އެކަން އެހެންވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި ހުއްޓިފައިވާ އެތައް މަޝްރޫއުތަކެއް ކުރިއަށް އެދަނީ އެއްވެސް ވެރިކަމެއްގައި މިހާ ކުރީކޮޅު ކުރިއަށްނުދާ ބާރުމިނުގައި ކުރިއަށް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

"ގައުމުގެ މާލީ ހާލަތު އޮތީ މީގެ ކުރީން ވެރިކަމެއް ބަދަލުވެ އާ ސަރުކާރަކާ ގައުމު ހަވާލުވި އިރު، އޮތް އެންމެ ނުރައްކާތެރި ހާލަތުގައި. މިއީ ހަގީގަތް. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެރިކަންކޮށް ފައިބާ ފަރާތްތަކަށް އެހެން ވެރިޔަކު ވެރިކަންކުރާ މަންޒަރު ހަޖަމުނުވުން،" މިނިސްޓަރު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ސަރުކާރުން ބޮޑެތި ކެޕިޓަލް މަޝްރޫއުތައް މިހާރު ހުއްޓާލާފައި އޮތުމުން ޑޮލަރަށް ދުވާ ދިވެހި ފައިސާ މިވަގުތު މަދު ކަމަށާއި މިވަގުތު އިމްޕޯޓު ކުރާ މީހުންނަށް ޑޮލަރު ލިބެނީ ވެސް އެހެންވެގެން ކަމަށެވެ. އަދި އެއާއެކު މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އެހެން ޕްރެޝަރެއް ނާންނަ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"އެހެން ކޮމާޝަލް ބޭންކުތަކަކަށް ޕްރެޝަރެއް ނާދޭ ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ހިންގާކަށް މީހުން ފައިސާ ހޯދާކަން ނާދޭ. އެހެންވީމާ އެ ޑޮލަރު އަޅުގަނޑުމެންނަށް ލިބޭތީ ތަކެތީގެ އަގު މާބޮޑަށް ނުއުފުލި މި ހިފެހެއްޓެނީ. އެއީ އެހެން ހުރިހާ މަޝްރޫއުތަކެއް ހުއްޓާލާފައި އޮތީމާ. އެއީ އޭގެ ޒާތުގައި ތަބީއީގޮތުން، ނޫނީ އިގުތިސާދީ ގޮތުން ޑޮލަރު ރާއްޖެއަށް ވަންނަ އަދަދު ގިނަވެގެން އެކަން ރަނގަޅުވެގެން ދިޔައީކީ ނޫން. މިއީ ވަގުތީގޮތުން އާޓިފިޝަލީ ކްރިއޭޓަޑް ކަމެއް ވެގެން މިއުޅެނީ. އެއޮތީ އެ މަޝްރޫއު ހުއްޓާލާފައި،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޕީޕީއެމް/ ޕީއެންސީގެ ލީޑަޝިޕަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެމަނިކުފާނު މިނިވަން ކުރެއްވުމަށް އެބޭފުޅުން އެއްވެސް އިރަކު ބޭނުންފުޅު ނުވާ ކަމަށާއި މިހާރުވެސް އެމަނިކުފާނުގެ ޝަރީއަތްތައް ލަސްކުރަނީ ސަރުކާރުގެ މަތީ ފަޑިން އަތް ބާނައިގެން ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ މެންބަރުން މަގުމަތިކުރަން އެމަނިކުފާނު މަސައްކަތް ކުރައްވާފައިނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.