ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރުކަމަށް ނ. ހޮޅުދޫ، އުފަންވެލި މުހައްމަދު ތޯހާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ތޯހާއަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު މިއަދުގެ ޖަލްސާގައި އިއްވެވުމުން، ތޯހާއާބެހޭ މައުލޫމާތު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

އެމަގާމަށް ތޯހާ އައްޔަން ކުރަން މަޖިލީހުގެ ރުހުން ދިނުމާ ބެހޭގޮތުން މަޖިލިސް ތަޅުމުން ގޮތެއް ނިންމާނީ، އެ މައްސަލަ ކޮމިޓީން ދިރާސާ ކުރުމަށްފަހު ކަމާބެހޭ ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.