މާލެ ސަރަހައްދުގައި ކުނި އުކުމުގެ ވިޔަފާރުކުރާ އާންމު ފަރާތްތަކުގެ އަޅަނދުތަކުން ނަގާ ފީ، 500 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
މީގެ ކުރިން އާންމުންގެ ފަރާތުން ކުނި ގެންނަ އުޅަނދުން ޓަނަކަށް ނަގާ 1،060 ރުފިޔާގެ ފީ، 750 ރުފިޔާއަށް ވެމްކޯ އިން ކުޑަކޮށްދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އޭގެ އިތުރުން މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކަށް މިހާރު ފީއެއްގެ ގޮތުގައި ނަގަނީ 150 ރުފިޔާއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ދާންދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ފަޒީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެހެން އެސްއޯއީތައް ގޮތަށް ހަރުދަނާކުރުމަށްޓަކައި ވެމްކޯ އިން މަސައްކަތް ކުރަމުންދާ އިރުގައި ވެސް، އަދިވެސް އިތުރު ލުއިތައް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ޓަނަކަށް 750 ރުފިޔާ މި ނަގަނީ، އެ ނެގީމާ އެންމެ ކުދިކުދި ޕިކަޕުތަކުގައި ގެންދާ އިރުގައި ވެސް އާންމުންނަށް ވަރަށް ބޮޑު އެއްޗަކަށް މިވަނީ. އެހެންވީމާ ވަރަށް ގިނަ ރައްޔިތުންގެ އެދުމެއް އޮތް ކަމެއް މިއީ. އަޅުގަނޑުމެން މިހާރު ވެމްކޯގެ މެނޭޖިން ޑިރެކްޓަރާ ވެސް އަދި ކަމާބެހޭ ވަޒީރުންނާ ވެސް މަޝްވަރާކޮށްފައި އޮންނާނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ ޓަނަކަށް މި ނަގާ 750 ރުފިޔާ، 500 ރުފިޔާއަށް ސަރުކާރުން ކުޑަކޮށްދޭނަން. ދެން އެކަން އެބޭފުޅުން ރަސްމީކޮށް އިއުލާންކުރައްވާނެ މާ ލަސްތަކެއް ނުވެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފައިސާ ޗާޕުނުކޮށް، ހުރިހާ ބިލުތައް ދައްކަމުން، ފައިސާގެ އަގު ހިފަހައްޓަމުން، ޑޮލަރުގެ ރޭޓު ތިރިކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ވީހާވެސް ގިނަ ލުއިތަކެއް ދެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާރުވެސް ވަރަށް ގިނަ ކަންތައް ކޮށްދެވިފައިވާ ކަމަށެވެ. އަދި ވެމްކޯއަކީ ވެސް މިދިޔަ ސަރުކާރު ނިމުނު އިރު، ވަރަށް ހާލުގައި އޮތް ކުންފުންޏެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު