އިދިކޮޅު އެމްޑީޕީގެ މިސްރާބަކީ ހަމަ މިސްރާބެއް ނޫން ކަމަށާއި އެއީ ކަސިޔާރު މިސްރާބު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ދާންދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ފަޒީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ސްލޯގަން "މިސްރާބު ހަމަމަގަށް" ސްލޯގަންއަށް ފާޑުވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި ގައުމުގެ ކަންކަން ނިންމާނީ ދިވެހިން ކަމަށާއި ކަންކަން ނިންމާނީ ބޭރު ގައުމެއްގެ ސަފީރަކު ވިދާޅުވާހާ ގޮތަކަށް ނޫން ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން އެކަން މާޒީކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން އަނެއްކާ އެ މަގަށް މިސްރާބު ހިފަން ތިޔަ ބޭފުޅުން ފުރުސަތު ދެއްވައިގެން ނުވާނެ. އެ މިސްރާބު ނުހިފިގެން އެ އުޅެނީ. އެ މިސްރާބަކީ ހަމަ މިސްރާބެއް ނޫން، އެއީ ކަސިޔާރު މިސްރާބު. އެ މިސްރާބަށް ދާކަށް ނޫން އަނެއްކާ އަޅުގަނޑުމެން ނިންމަންވީ. އަޅުގަނޑުމެން އަމިއްލައަށް ހަމަ މަގަށް އަޅުވާފައި، އަނެއްކާވެސް މިސްރާބު ދޫކޮށްލުމަކީ ސިކުނޑި ތަންދޭ ކަމެއް ނޫންތޯ. ބޭރުގެ އެމްބެސެޑަރަކު ވިދާޅުވާ ގޮތަކަށް ގައުމު ހިންގަން އަޅުގަނޑުމެން މިސްރާބު ހިފަން އެ އުޅޭ މަސައްކަތް އަޅުގަނޑުމެން އެކަމަށް ފުރުސަތު ދެއްވައިގެން ނުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕު ނުކުރީމާ ރައްޔިތުންނަށް ހިތްހަމަޖެހުމެއް އެބަ ލިބޭ ކަމަށާއި އިގުތިސާދަށް ދިރުން އަންނާނެކަމުގެ އުންމީދު އެބަ ލިބޭ ކަމަށެވެ. އެހެންވީމާ މިހާރު ދަނީ ރަނގަޅު މަގުން، ރަނގަޅު މިސްރާބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ މި މިސްރާބުން ދިޔައީމާ ރައްޔިތުން ބާރުވެރި މިވަނީ، ރައްޔިތުން ފުދުންތެރިވަނީ، ދިވެހި ގައުމަށް އާރޯކަން އަންނަނީ، ދިވެހި ގައުމުގައި އިންވެސްޓުކުރާނެ އިންވެސްޓަރުންނަށް ކޮންފިޑެންސް އަންނަނީ. އެކަން ހަޖަމު ނުވަނީ. އެހެންވީމާ އަނެއްކާވެސް މިސްރާބުން ކައްސުވާލެވޭތޯ، އެހެން ދިމާލަކަށް ގެންދެވޭތޯ އުޅޭ އުޅުމަކަށް އަޅުގަނޑުމެން ނުވާނެ އިޖާބަ ދީގެންނެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހެޔޮ ވިސްނޭ މީހުން، ގައުމު ދެކެ ލޯބިވާ މީހުން ވިސްނަންވާނީ ގައުމުގެ ކަންކަން ހިނގަމުންދާ ގޮތް އަމިއްލަ ލޮލުން ބަލައި، އަމިއްލަ ސިކުނޑިން ކަމަށާއި އެގޮތަށް ވިސްނައި ގައުމާ މެދުގައި އަމިއްލަ ގޮތް ނިންމަން ޖެހޭ ކަމަށެވެ.