ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ބިގް ގޭމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިސޯޓުތަކަށް ބާއްވަމުންދާ ރިސޯޓް ލީގު، މިއަހަރުގެ މުބާރާތުގެ އެޕެރަލްސް ޕާޓްނަރަކަށް ޖާޒިއާ ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޖާޒިއާއާއި ރިސޯޓު ލީގުގެ އޯގަނައިޒާ ބިގް ގޭމް މޯލްޑިވްސް އެއްބަސްވުމުގައި ސޮއިކުރީ އިއްޔެއެވެ. އިއްޔެގެ އިވެންޓުގައި ޖާޒިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޯ ފައުންޑަރު، ހަސަން ދިލްޝާނެވެ. ބިގް ގޭމްގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓް ލީގުގެ ފައުންޑަރު އަދި އޮގަނައިޒަރު އިއުމާޒު ނަސީރެވެ.
ޖާޒިއާއާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ޖާޒިއާއިން ރިސޯޓު ލީގުގެ ޓީމުތަކަށް ހާއްސަ، ފުރިހަމަ ޕެކޭޖުތަކެއް ތައާރަފުކުރަން ވަނީ ނިންމައިފައެވެ. އެގޮތުން ހުރިހާ ޓީމަކަށްވެސް އަތްފޯރާފަށުގައި، ޕްރިމިއަމް ކޮލިޓީގެ ރަނގަޅު ޕެކޭޖުތަކެއް ތައާރަފުކުރަން ޖާޒިއާއިން ދަނީ ތައްޔާރުވަމުންނެވެ.
ޖާޒިއާއަކީ ރާއްޖޭގައި ހިންގާ އެންމެ އިތުބާރު ސްޕޯޓްސް އެޕެރަލްސް ބްރޭންޑެވެ. ގިނަ ބައެއްގެ އިތުބާރު ހޯދައި، ރާއްޖޭގެ ގައުމީ ޓީމުތަކަށްވެސް ޖާޒިއާ ކިޓް ފޯރުކޮށްދީފައިވާ އިރު، އެޓީމުން ވަނީ ގިނަ ފަހަރެއްގެ މަތިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެވެސް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. ހާއްސަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ އެކިއެކި މުބާރާތްތަކުގައިވެސް ޖާޒީއާގެ ލޯގޯ އާންމުކޮށް ފެނިގެން ދެއެވެ.
ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރިސޯޓު ލީގު އަދި ރިސޯޓު ސުޕަ ލީގު މިއަހަރު މެއި މަހުގެ 15 ވަނަ ދުވަހު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އެކި ޒޯންތަކަށް ބަހާލައިގެން 2013 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ރިސޯޓު ލީގަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ އެންމެ ކާމިޔާބު މުބާރާތެވެ.
ރިސޯޓު ލީގުގެ ޖުމުލަ 41 މުބާރާތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާތަނަށް ބޭއްވިފައިވާ އިރު، ނިމިގެން ދިޔަ 2023 ވަނަ އަހަރުގެ ރިސޯޓު ލީގުގައި ޖުމުލަ 58 ރިސޯޓަކުން ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރު ހަ ޒޯނެއްގައި މުބާރާތް ވަނީ ބޭއްވިފައެވެ.
ރިސޯޓު ސުޕަ ލީގަކީ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ހާއްސަ މުބާރާތެކެވެ. މިދިޔަ އަހަރު ޗެމްޕިއަނުންގެ ޝަރަފުވެރި، ރިސޯޓު ސުޕަ ލީގު ހޯދީ ޖޯލި މޯލްޑިވްސްއިންނެވެ. ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގެ ޗެމްޕިއަނުން ކަނޑައެޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު