ރައްޔިތުންނަކީ ގަމާރުންނެއް ނޫން ކަމަށާއި މި ސަރުކާރުން ހަދާ ދޮގުތައް ރައްޔިތުންނަށް މިހާރު އެނގޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އެމްޑީޕީން ރޭ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސްފައިވަނީ ދޮގުތައް ހަދައިގެން ކަމަށާއި އެގޮތުން 1000 އަށްވުރެ ގިނަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ދެއްކި ވާހަކައިގެ ހަގީގަތް ވެސް މިހާރު ރައްޔިތުންނަށް އެނގޭ ކަމަށެވެ.

"ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެތައް އެތައް ދޮގުތަކެއް ހަދަމުންދާ މި ގެންދަނީ. އަޅުގަނޑު ހިތުން ރައީސް ޑރ. މުއިއްޒު މުއިއްޒު ހީފުޅުކުރައްވަނީ ކަންނޭނގެ ރައްޔިތުންނަކީ އެހާ ގަމާރު ބައެކޭ. ނޫން އެހެނެއް ނޫން މިއަދު ރައްޔިތުން ތިބީކީ. އެ ދައްކަވަނީ ކޮން ވާހަކައެއްކަން، އެ ހަދަނީ ދޮގުކަން ވަރަށް ސާފުކޮށް އެނގޭ. ރައްޔިތުންނެއް އެޔެއް ގަބޫލެއް ނުކުރޭ މިއަދަކު. ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުގައި އަޅުގަނޑު ހިތުން ރައްޔިތުން އިރާދަކުރެއްވިއްޔާ އެކަން މި ސަރުކާރަށް ހާމަކޮށްދޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ކުރެއްވި ކަމަކީ ރައްޔިތުން ކޮންމެހެން ބޭނުންވެފައި ހުރި ބޮޑެތި އެތައް މަޝްރޫއުތަކެއް އިއުލާންކޮށްލެއްވުން ކަމަށާއި ފުށިދިއްގަރުގެ ވާހަކަ އާއި އެއާޕޯޓަށް އެއްފަހަރާ 25 މިލިއަން މީހުންނަށް އާދެވޭ ގޮތަށް ހައްދަވާނެ ވާހަކަ އިއުލާންކުރެއްވި ކަމަށެވެ. ނަމަވެސް އެއީ ސިންގަޕޫރާއި ދުބާއީގައި ވެސް ނުވާ ވަރުގެ ކަމެއްގެ ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން އެ ދިޔަ ބާރުމިނުގައި ގޮސް ގދ. ތިނަދުއަށް ގޮސް އެތަނުގައި އަޅައިފި ބޮޑު އެއާޕޯޓެއް، އަޅާފައި އެތަނަށް އަނެއްކާވެސް 500 މިލިއަން ޑޮލަރު. ދެން އަނެއް ދުވަހު ދިޔައީ ވިލިނގިއްޔަށް، ވިލިނގިލީގައި އެއަށްވުރެ ބޮޑު އެއާޕޯޓެއް. އެއަށްވުރެ ގިނަ ފައިސާ ހަރަދުކޮށްގެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އިގުތިސާދީ މާ މޮޅު ޕްލޭންތަކެއް ތަންފީޒުކޮށް، ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާ ވާހަކަ ދައްކަވަމުންދާ ކަމަށާއި ނަމަވެސް ފެންނަނީ ރިކަރަންޓް ހަރަދު ކުރީ އަހަރަށްވުރެ ވެސް އިތުރުވެފައި އޮތް ތަން ކަމަށެވެ. އަދި އަޅުއްވާ ހަރުދަނާ ފިޔަވަޅަކީ ރާއްޖޭގެ ހުރިހާ ޕްރޮޖެކްޓެއް ހުއްޓާލުން ކަމަށް ސޯލިހު ވިދާޅުވިއެވެ.