ފަސް އަހަރު ދުވަހުގެ ވެރިކަމެއް ކުރެއްވުމަކީ އިތުރުފުޅު ހެއްދެވުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު މުސްތަފާ އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދޫކުރި ގޯއްޗާއި ފުލެޓް، މި ސަރުކާރުން އޮޅުވާލާ ކަމަށްބުނެ އެމްޑީޕީން ދޮގު ހަދަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދޫކުރި ގޯތި ލިސްޓަށް ވެސް އަދި ފުލެޓް ލިސްޓަށް ވެސް މި ސަރުކާރުން އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ.
"ފަސް އަހަރެއްގައި ރައީސްކަން ކުރުމުގެ ފުރުސަތު ލިބުމަކީ ހިތްފުޅަށް އަރާވަޑައިގަންނަވާހާ ގޮތަކަށް އިތުރުފުޅު ހެއްދެވުމަށް އޮތް ލައިސެންސެއް ނޫން. އެއީކީއެއް އެކަމަށް އޮތް ލައިސެންސެއް ނޫން، އެކަމަށް އޮތް ހުއްޖަތެއް ނޫން. އެއަށްވުރެ އިހުލާސްތެރިވާންވާނެ. ތެދުވެރިވާންޖެހޭނެ. ރައްޔިތުންގެ ކުރިމައްޗަށް އަރާވަޑައިގެން ވާހަކަދައްކާވާއިރު ތެދު ބަހުން ވާހަކަދައްކަވަންޖެހޭނީ. އޮޅުވާލެވިދާނެ. ދޮގުހެދިދާނެ" ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ، ކުރީގެ ސަރުކާރަށް ނުކުރެވި ހުރި ކަންކަން ކުރުމަށް މިފަހަރުގެ މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށް އެ ޕާޓީން ރައްޔިތުން ކައިރީގައި އެދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މެޖޯރިޓީ އޮވެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުކުރެވުނު ބަޔަކަށް އިތުރު ފުރުސަތެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޖިލީހުގައި މިހާރު ވެސް އޮތީ އެމްޑީޕީގެ މެޖޯރިޓީ ކަމަށާއި މެޖޯރިޓީ ބޭނުންހިފައި އެމްޑީޕީން ކުރަމުންދާ ކަމަކީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް ހުރަސް އެޅުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު