"ސީ-ޓު-އެއާ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޓާކިޝް އެއާލައިނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްޕީއެލުން މިއަދު ބުނީ އެ އެމްއޯޔޫގައި ސޮއިކުރީ ރޭ މީރުމާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެކަމުގެ އެއްބަސްވުމުގައި ޓާކިޝް އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިނުން ރާއްޖެއަށް ކަނޑައަޅާފައިވާ އެޖެންޓް، އެކްސްޕެޑައިޓް މޯލްޑިސްގެ މެނޭޖިން ޑިރެކްޓަރު އަލީ ތޯރިގެވެ.
އެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އެކުވެސް އެމްޕީއެލުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެމްޕީއެލްގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހެވެ.
އެމްޕީއެލުން ބުނީ އެމްޕީއެލުން އެމްއެސްއެސްއާއެކު ފަހުމުނާމާއެއް ހެދީ ކެރިއާ ޕާޓްނަރަކަށްވުމަށެވެ. އެކަމުގެ އެއްބަސްވުމުގައި އެމްއެސްއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
އެމްޕީއެލުން އެމްއޭސީއެލްއާއެކު އެއްބަސްވުމެއް ހެދީ "ސީ-ޓު-އެއާ" ހިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ކަމަށާއި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދު ކަމަށް އެމްޕީއެލުން ބުންޏެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ވަޖީހް ވިދާޅުވީ އެ ހިދުމަތްތަކުގެ ސަބަބުން އެމްޕީއެލްއަށް އިތުރު ކުރިއެރުންތައް ލިބުމުގެ އިތުރުން ރާއްޖޭގެ އިގުތިސާދަށް ވެސް ފައިދާކުރާނެ ކަމަށެވެ.
ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރު ބިލާލް އޮކުޗް ވިދާޅުވީ އެ އެއާލައިންގެ އަމާޒަކީ އެމްޕީއެލްއާ ގުޅިގެން ރާއްޖެއަކީ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށެވެ. އެ ހިދުމަތަށް މިހާރު ބޭނުން ކުރަމުންދަނީ ސްރީ ލަންކާ ކަމަށާއި ސްރި ލަންކާއިން ޑިމާންޑާ އެއްވަރަށް ކޭޓާ ނުކުރެވޭ ކަމަށެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި