ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ސެމީ ފައިނަލަށް، މުއިވެޔޮ ފްރެންޑްސްވެސް ދަތުރުކޮށްފިއެވެ.

އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު ގްރޫޕް ބީގެ މެޗުގައި މުއިވެޔޮއިން ސްޓެލްކޯ ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުން ދަ ގްރާންޑޭއިން ސެމީ ޔަގީންކޮށްފައިވާ އިރު، އެޓީމަށް ތިން މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. މުއިވެޔޮ ވަނީ ގްރޫޕް ސްޓޭޖުގައި ހަތަރު މެޗު ކުޅެ، ނުވަ ޕޮއިންޓް ހޯދައި، އެއްވަނައަށް ޖެހިލައިފައެވެ. ދަ ގްރާންޑޭއަށް އަދި ބާކީ މެޗެއް އޮތް އިރު، ޕޮއިންޓަކާއެކުވެސް އެޓީމަށް އެއްވަނައަށް އެރެވޭނެއެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މުއިވެޔޮ ޓީމުގެ އަހުމަދު ނިޔާޒް (ނިޔާ) ވަނީ ހެޓްރިކެއް ހަދައިފައެވެ. އޭގެ އިތުރުން މުއިވެޔޮގެ ގޯލުތައް ޖެހީ އިބްރާހީމް ލަތީފާއި އަބްދުﷲ ސުޖާއުއެވެ. ސްޓެލްކޯއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ އިބްރާހީމް އާރިސްއެވެ.

މި ފަހަރުގެ ވެޓެރަންސް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް، މުއިވެޔޮގެ އިތުރުން ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯއެވެ.