ހުޅުމާލޭގެ ފޭސް ދޭއްގައި ހަދާ ޕެޓް ކެއާ ފެސިލިޓީގެ ބިންގާ މިއަދު އަޅައިފިއެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި މާލޭގެ މޭޔަރު އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން އެ ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މި ނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ ބޭނުމުގައި ހަދާ ތަނެއް ކަމަށެވެ. އަދި އެއީ އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ވެސް ގާއިމުކުރާ ފެސިލިޓީއެއް ކަމަށެވެ.
އެ ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭނެ ސަރަހައްދަކާއި ކްލިނިކަކާއި ފާމަސީ އާއި ލެބޯޓްރީ އަދި ހިޔާވަހިކަމެއް ހުންނާނެއެވެ. އަދި ބުޅާތަކަށް އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތަށް ލިބެން ހުންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތަކަށް ވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ އެ ފެސިލިޓީން ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު