ސިޔާސީ ވިސްނުމުގައި ސުވާލެއް ކުރުމަށް ވެސް މީހަކު ނުގެންދާނެ ކަމަށާއި އެމަނިކުފާނަށް ފާޑުކިޔައިގެން ދަތިކަމެއް ކުރިމަތި ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، "ޕީއެސްއެމް"އަށް ރައީސް ދެއްވި އިންޓަވިއުއެއްގައި އެހެން ވިދާޅުވެފައިވާ އިރު، ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއްގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

ފުލުހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފައްޔާޒު ވިދާޅުވީ، އާރުޑީސީއަށް ތުހުމަތުވާ ހިޔާނާތުގެ މައްސަލައާ އޭނާ ގުޅުވުމަށް ރައީސް މުއިއްޒު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް އަންގަވާފައި ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލަން ކަމަށެވެ.

އެކަމާ ގުޅުވައިގެން އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް ބޭނުންފުޅުވާކަން ކުރިން ވެސް ކެމްޕޭންގައި އިއުލާންކުރައްވާފައިވާނެ ކަމަށާއި ސަރުކާރުން ސިޔާސީ ވިސްނުން އިސްކޮށްގެން މީހުން ހައްޔަރުކޮށް، މައްސަލަތައް ބަލައި ސިޔާސީގޮތުން ކަންކަން ކުރުން ނިމުމަކަށް އަންނަންޖެހޭކަން ދަންނަވާފައިވާނެ ކަމަށެވެ.

"އެގޮތުގައި މިދިޔަ ހަތަރު މަސްދުވަސް މި ދިޔައީ. އެއްވެސް ބޭފުޅަކަށް އެ ނޫން ގޮތަކަށް ދިޔަ ކަމެއް ފެނިވަޑައެއް ނުގަންނަވާނެ، އެ ނޫން ގޮތަކަށް ކަމެއް ނުކުރަން. ސިޔާސީ ވިސްނުމުގައި ހައްޔަރުކުރި އެކަކުވެސް ނުހުންނާނެ، ސުވާލެއް ކުރަން ސިޔާސީ ވިސްނުމުގައި ގެންދިޔަ މީހަކު ވެސް ނުހުންނާނެ، އަދި ނުވެސް ގެންދާނަން. އަޅުގަނޑަށް އެންމެ ރަނގަޅު ކިތަންމެ ވަރަކަށް ވެސް ސިޔާސީ ވިސްނުމުގައި ކްރިޓިސައިޒް ކުރިޔަސް، ނޫނިއްޔާ މަސައްކަތެއް ކުރިޔަސް. އަޅުގަނޑު އެބޭފުޅަކަށް ކުރިމަތިކުރާނެ ދަތިކަމެއް ނޯންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ކަމަކާ ދަތިވެގެން ނުކުތީމަ އެކަން ހުއްޓުވުމަށް ސިފައިންނާއި ފުލުހުން ފޮނުވައިގެން ރައްޔިތުން ހިފައި ހައްޔަރުކުރުމެއް ވެސް މިިދިޔަ ހަތަރު މަހު ފެނިފައިނުވާނެ ކަމަށާއި މަސްވެރިންނަށް ފައިސާ ނުލިބިގެން ކޫއްޑޫގައި ހިންގި އިހުތިޖާޖުގައި އެކަން ކުރުވަން ވަރަށް މަޖުބޫރުކުރުވާ ހާލަތަކަށް ބައެއް ބޭފުޅުންގެ ޕްރެޝަރު އައި ކަމަށެވެ. ނަމަވެސް އެ ހާލަތުގައި ވެސް އެކަން ކުރައްވާފައި ނުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.