ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ކުޅުނު މެޗުގައި ސަންރައިސާސް ހައިދްރައާބާދުން ބޮޑު ތަފާތަކުން މުމްބާއީ އިންޑިއަންސް ބަލިކޮށްފިއެވެ.

ރޭ ރަޖީވް ގާންދީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސަންރައިސާސް ހައިދްރައާބާދުން މުމްބާއީ ބަލިކުރީ 31 ލަނޑުންނެވެ. މެޗުގައި ސަންރައިސާސް ހައިދްރައާބާދުން ވަނީ އައިޕީއެލް މެޗެއްގައި މިހާތަނަށް ހެދި އެންމެ ބޮޑު ބެޓިން ސްކޯ ހަދާފައެވެ. އެޓީމުން ބެޓް ކުރި އިނިންގްސްގައި 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 277 ލަނޑު ހަދައިފައިވެއެވެ.

މެޗުގައި ޓޮސް ދިމާވުމުން މުމްބާއި އިންޑިއަންސްއިން ހޮވަން އެރި އިރު، އެޓީމަށް ޖެހުނީ ބޮޑު ސްކޯއެއް އަތުލަން މަސައްކަތް ކުރާށެވެ. ފުރަތަމަ ބެޓަށް އަރައި ހައިދްރައާބާދުން ބޮޑު ސްކޯއެއް ހެދި އިރު، އެޓީމުގެ ހެއިންރިޗް ކްލާސެން ވަނީ ނުބައިނުވެ، 34 ބޯޅައިން 80 ލަނޑު ހަދައިފައެވެ. އޭގެ އިތުރުން ޓްރަވިސް ހެޑް ވަނީ 24 ބޯޅައިން 62 ލަނޑު ހަދައިފައެވެ. އަދި އަބިޝޭކް ޝަރްމާ 23 ބޯޅައިން 63 ލަނޑު ހެދިއެވެ.

ޖަވާބުގައި ކުޅެން އަރައި، މުމްބައި އިންޑިއަންސް އަށް 20 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 246 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، ތިލަކް ވަރުމާ އެވެ. ތިލަކް ވަނީ 34 ބޯޅައިން 64 ލަނޑު ހަދައިފައެވެ.

ސަންރައިސާސް ހައިދްރައާބާދުން ރޭ މުގުރާލި އެއް އިނިންގްސް އެންމެ ބޮޑު ސްކޯގެ ރެކޯޑު ކުރިން އޮތީ ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަތުގައެވެ. 2013 ވަނަ އަހަރު މުބާރާތުގައި ރޯޔަލް ޗެލެންޖާސް އިން ވަނީ އެއް އިނިންގްސް އެއްގައި 263 ލަނޑު ހަދައިފައެވެ.