ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ސެމީ ފައިނަލް ޖާގައަކާ ގާތަށް، ދިވެހި ސިފައިންގެ ކްލަބު ޖެހިލައިފިއެވެ.
އިއްޔެ ހެންވޭރު ދަނޑުގައި ކުޅުނު ގްރޫޕް އޭގެ މެޗުގައި ސިފައިން ކްލަބުން ޕޮލިސް ބަލިކުރީ 4-2ގެ ނަތީޖާ އަކުންނެވެ. އިއްޔެގެ ނަތީޖާ އާއެކު ސިފައިން ކްލަބް އޮތީ ތާވަލުގެ ދެވަނައިގައެވެ. އެ ގްރޫޕްގެ ތާވަލުގެ އެއްވަނައިގައި އޮތީ ތިން މެޗުން ތިން މޮޅު ހޯދާފައި އޮތް، ހުޅުމާލެ ވެޓެރަންސް ކްލަބެވެ. އެ ޓީމަށް ވަނީ ބާކީ މެޗެއް އޮއްވައި ސެމީ ފައިނަލުގެ ޖާގަ ޔަގީންވެފައެވެ. ދެވަނައިގައި އޮތް ސިފައިންނަށް ތިން މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ސިފައިންނަށް ދެން އޮތް މެޗުން ހުޅުމާލެ ވެޓެރަންސްއާ އެއްވަރުކޮށްލައިގެންވެސް ސެމީއަށް ދެވޭނެއެވެ.
ތިންވަނައިގައި އޮތް ހުއްރިއްޔާ ވެޓެރަންސް (ހުރާ) އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމަށް ދެން އޮތީ، ގްރޫޕްގެ ފުލުގައި އޮތް ވިލިމާލެ ޔުނައިޓެޑް މެޗެވެ. އެ މެޗުން މޮޅުވެ، ހުރާއަށް ޖެހޭނީ ސިފައިންނާއި ހުޅުމާލެ މެޗުގެ ނަތީޖާއަށް ބަލާށެވެ. އިއްޔެގެ މެޗުން ބަލިވުމުން، ޕޮލިހަށް ވަނީ ސެމީގެ ފުރުސަތު ގެއްލިފައެވެ.
އިއްޔެގެ މެޗުގައި ސިފައިންގެ ޓީމުގެ އަހުމަދު ފަޒަލް ހެޓްރިކް ހެދި އިރު، އެ ޓީމުގެ އަނެއް ގޯލު ޖެހީ އަބްދުލް ސަމަދެވެ. ޕޮލިހުގެ ގޯލުތައް ޖެހީ، އަހުމަދު ޝާހިދާއި އަންދާޒް މުހައްމަދެވެ.
މި ފަހަރުގެ ވެޓެރަންސް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް، މުއިވެޔޮގެ އިތުރުން ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯއެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް