ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައި، އެ އިންތިހާބުގައި އޭނާއަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހަސަންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައި ވަނީ ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް ކަމުގައިވާތ،ީ އޭނާގެ ކެންޑިޑެސީ ބަލައިގަތުން ބާތިލުކުރުމަށް އެދި ހަސަން އާއި އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ހ. ކްއީނ،ް އިލްޔާސް އަހުމަދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އިލްޔާސް ބުނެފައި ވަނ،ީ ހަސަންގެ މައްޗަށް ސިވިލް ކޯޓުގައި ސާބިތުވެފައިވާ ދަރަންޏެއް އެބަ އޮތް ކަމަށާއި އޭނާއަކީ އެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންގެންދާ މީހަކަށް ނުވާތީ އޭނާއަކީ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މެންބަރެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު ފުރިހަމަވާ މީހެއް ނޫން ކަމަށެވެ.
ހަސަންގެ މައްޗަށް އޮތް ކަމަށް ބުނާ ސާބިތު ދަރަންޏަކީ އޭނާއާއެކު 11 މީހަކު ޒިންމާވާ ގޮތަށް އޮތް ދަރަންޏެކެވެ. އެއީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 16 ފެބްރުއަރީ 2006 ގައި ދޫކުރި 10 މިލިއަން ޑޮލަރުގެ ލޯނަކާއި 18 ޖޫން 2008 ގައި 64 މިިލިއަން ޑޮލަރުގެ ލޯނަކާގުޅޭ މައްސަލައެކެވެ.
އެ ދެ ލޯން ދެއްކުމުގެ ޔަގީންކަން ބޭންކަށް ދީފައިވަނީ، ހަސަން ހިމެނޭހެން 11 މީހެކެވެ.
އެ ދަރަނި ދެއްކުމަށް ކުރި ހުކުމަށް ފަހުވެސް ފައިސާ ދައްކަމުން ނުދާތީ އެސްބީއައި އިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ހަސަންގެ ފަރާތުން ރަހުނު ވިއްކާލުމަށްފަހު، ކޯޓުން ގެރެންޓަރުން ދައްކަންޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ތަންފީޒު ކުރަންޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް އެދުނެވެ.
ނަމަވެސް ސިވިލް ކޯޓުން އެގޮތަށް އަމުރެއް ނެރެނުދިނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުން ދަމަހައްޓައިފައެވެ.
މިކަމާ ގުޅިގެން އިލްޔާސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ، ހަސަންއަކީ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދުގައި ބުނާ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު ފުރިހަމަވާ މީހެއް ނޫންކަމުގައި ކަނޑައަޅައިފައެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ހަސަން ވާދަކުރުމުގެ ހުއްދަދީ އޭނާގެ ކެންޑިޑޭޓުކަން ބަލައިގަތުމަށް އިލެކްޝަސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލުކަމަށް އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅުއްވައިފައެވެ.
ޚަބަރު
ޚަބަރު