ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާ ގޮތަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރެވިފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް
ގޯތި ހަވާލުކުރުން އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާ ގޮތަށް ދޫކުރެވިފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް މިއަދު ފަށާފައިވާ އިރު، ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއި ބައެއް ގޯތިތަކަށް އަރާފައިވާ ފެނާ ނަރުދަމާގެ ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ގޯތިތަކުގެ އިން ވަކިކޮށް ހަވާލުކުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަނީ އެކަމަށް ހާއްސަ އިސްކަމެއް ދީގެން ކަމަށެވެ.
މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ރަޖިސްޓްރީ ހަވާލުނުކުރެވި ހުރި ފަރާތްތަކަށް މި ސަރުކާރުން ވަނީ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން ގޯތީގެ ރަޖިސްޓްރީއާ ހަވާލުނުވާ މީހުން ރަޖިސްޓްރީއާ ހަވާލުވުމަށް މިއަދުގެ ނިޔަލަށް އިތުރު ފުރުސަތެއް ވެސް ހައުސިން މިނިސްޓްރީން ވަނީ ދީފައެވެ.
މިމަހުގެ 14 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ބުނެފައިވަނީ 8،394 ގޯތީގެ ރަޖިސްޓްރީ ގޯތި ލިބުނު މީހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު