ލިބޭ އާމްދަނީއަށްވުރެން، ބޭރު ފައިސާ އިން ކުރަން ޖެހޭ ހަރަދުތަކަށް، މަހަކު 50 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ، ބޭރު ފައިސާ އިން ކުރަން ޖެހޭ މުއާމަލާތްތަކަށް ކުރިއަށްއޮތް ތަނުގައި ގޮންޖެހުންތައް ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަމަހައްޓަން އެމްއެމްއޭ އިން ގެންގުޅޭ އުސޫލުތަކާއެކު މިދިޔަ ފެބްރުއަރީ މަސް ނިމުނު އިރު ގްރޮސް ރިޒާވު ހުރީ 588.8 މިލިއަން ޑޮލަރުގައި ކަމަށެވެ. އަދި މި މަސް ނިމޭއިރު ވެސް ގްރޮސް ރިޒާވު އެ މިންވަރަށް ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެމްއޭގެ ޓާގެޓަކީ އަހަރު ނިމޭއިރު ގްރޮސް ރިޒާވުގައި 600 މިލިއަން ޑޮލަރު ބެހެއްޓުން ކަމަށްވާ އިރު، ފާއިތުވި ދެ މަހު ވެސް އެމްއެމްއޭގެ ޓާގެޓުތަކުގައި ގްރޮސް ރިޒާވު ހިފެހެއްޓުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި އެގޮތަށް ކުރިއަށް ގެންދަން ފައިސާ ބޭނުންވާނެ ކަމަށް އިމާދު ވިދާޅުވިއެވެ.