އިދިކޮޅު އެމްޑީޕީގެ މިސްރާބު ހުރީ ކޮރަޕްޝަނާއި އަޅުވެތިކަމުގެ ތެރެއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި އެމްޑީޕީގެ ސްލޯގަންއަކަށް "މިސްރާބު ހަމަމަގަށް" ބޭނުންކުރަމުންދާ އިރު، ރައީސް ވަނީ އެކަމާ ގުޅުވައިގެން ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލުފުށި ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ހަސަން ވަހީދުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ޓްރެކް ރެކޯޑާއި މިދިޔަ ފަސް އަހަރު މިސްރާބު ހުރީ ކޮން މަގަކުންކަން ބަލަންޖެހޭ ކަމަށެވެ.

"މިސްރާބު ދިޔައީ އަޅުވެތިކަމުގެ ތެރެއަށް ނޫންތޯ. މިސްރާބު ގޮސް ނިމިފައި އޮތީ އަޅުވެތި ކަމުގެ ތެރޭގައި. މިތަނުގައި އިންޑިއާގެ ސިފައިންގެ އެތައް ބަޔަކު ތިބީ، އެކަމަކު އިރާދަކުރެއްވީތީ ދިވެހި ރައްޔިތުން ނިންމި ނިންމުމުގެ މަތިން އަޅުގަނޑުމެން މަސައްކަތް ފަށައި، މަޝްވަރާގެ ރިވެތި އުސޫލުގެ މަތިން އަޅުގަނޑުމެން މިވަނީ އެކަން ވެސް ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް މިތަނުގައި ތިބި ބޭރުގެ ހުރިހާ ސިފައިން މިތަނުން އަނބުރާ ގެންދިއުމުގެ ހުރިހާ ކަމެއް ނިމުމަކާ ހަމައަށް އެދަނީ. އެކަން ވެސް ކާމިޔާބު މިކުރަނީ އަޅުގަނޑުމެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގުތިސާދީގޮތުން ވެސް މިސްރާބު އޮތީ އަޅުވެތިކަމުގެ ތެރެއަށް ގޮސް ނިމިފައި ކަމަށާއި ވެރިކަން ބަދަލުވެގެންދިޔައީ އެތައް ބިލިއަން ޑޮލަރެއްގެ ލޯނުތައް ނަގައި، އެ ލޯނުތައް ދެއްކުމުގެ މަސައްކަތް ކުރެވޭނެ ގޮތްތައް ފަހިނުކުރެވި ކަމަށެވެ. އަދި ކޮރަޕްޝަންގެ ތެރެއަށް އެއްކޮށް ގޮސް ހުސްވެފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ހަނދާނަކުން ކައްސައެއް ނުލާ ކޮވިޑުގެ ތެރޭގައި ދިވެހި ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއަކަށް ވީ ހިޔާނާތް. އިހަށްދުވަހު ނޫންތޯ އެ ނިންމީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުލަތާ އެއްކޮޅަށް، އެކަން ކުރި ފަރާތުން ފައިސާ ދައްކަން ޖެހޭނެ ކަމަށް. ގައިމު އެއީ އެކަން ގޯސްކޮށް ކޮށްފައި އޮތީމަ ނޫންތޯ. އެހެންވީމާ ކޮރަޕްޝަންގެ ތެރެއަށް މިސްރާބު ހުރީ، އަޅުވެތިކަމުގެ ތެރެއަށް މިސްރާބު އޮތީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހިންގެ ރާއްޖެއަށް ދިވެހި ރައްޔިތުން މިސްރާބު ޖެހީ އެ މިސްރާބު ކަމުނުގޮސްގެން ކަމަށާއި ރައްޔިތުން ވަނީ ދިވެހީންގެ ރާއްޖެއަށް ދިވެހިރާއްޖޭގެ ހުރިހާ ކަމެއް ގެންދަން ނިންމާފައި ކަމަށެވެ. އަދި ރައްޔިތުން އަޒުމު ކަނޑައަޅަންވީ ރައްޔިތުންގެ މަޖިލިސް ހޯދައިގެން އެ މަސައްކަތް ފުރިހަމަކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.