ބަދަލުގެ ގޮތުގައި 14.5 މިލިއަން ރުފިޔާއަކީ މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ހ.ކެމްޕަސްބީޗް ގޯތީގައި ހަދާފައިވާ އިމާރާތް ގެސްޓްހައުސެއްގެ ގޮތުގައި ކުއްޔަށް ދިނުމަށް އެގޭ އަހުމަދު އިބްރާހިމް ދީދީ އާއި ސަމާބީޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްވެފައިވީ ނަމަވެސް، އަހުމަދު އިބްރާހީމް ދީދީ އެމްޑަބްލިއުއެސްސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ އިމާރާތަށް އަސާސީ ހިދުމަތުގެ ގޮތުގައި ދޭންޖެހޭ ފެނުގެ ހިދުމަތް ދީފައިނުވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި އަހުމަދު އިބްރާހިމް ދީދީ އެމްޑަބްލިއުއެސްސީގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ވޯޓާ ސަޕްލައިގެ ހިދުމަތް ހޯދުމަށްޓަކައި އެއްބަސްވުމުގެ ދަށުން އެތަނަށް ފެން ގުޅުމަށް ހިނގާނެ މަސައްކަތުގެ އުޖޫރަ އާއި ފީ ބަރާބަރަށް އަދާކުރަމުން ދިޔައިރުވެސް އެ ހިދުމަތް ދީފައި ނުވާތީ އެ ހިދުމަތް ހޯދުމަށް ދައްކާފައިވާ ފައިސާގެ ޖުމުލަ 59،222.22 ރުފިޔާ އާއި އެކަމާ ގުޅޭ އެކްސްޕެކްޓެޑް ޑެމޭޖަށް ޖުމުލަ 14،417،700 ރުފިޔާ އާއި ޝަރީއަތް މެދުވެރިކޮށް އެމްޑަބްލިއުއެސްސީން ފައިސާ ހޯދަން ޖެހުމުގެ ސަބަބުން ގާނޫނީ ވަކީލު ފީގެ ގޮތުގައި ހަރަދުވި 50،000 ރުފިޔާ އާއެކު ޖުމުލަ 14.5 މިލިއަން ރުފިޔާ އެމްޑަބްލިއުއެސްސީގެ ނަގައި ދިނުމަށެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުގެ ފަނޑިޔާރު އާއިޝަތު އަޒުފާ ކުރެއްވި ހުކުމުގައި ވަނީ، ދެފަރާތުން ޝަރީއަތަށް ހުށަހެޅި ބަޔާންތަކަށް ބަލާއިރު، ހިދުމަތަށް އެމްޑަބްލިއުއެސްސީއަށް ފައިސާ ދެއްކި ކަމާ މެދު ހިލާފެއް ނެތް ކަމަށެވެ. ނަމަވެސް ޝަރީއަތަށް މައްސަލަ ހުށަހެޅިފަހުން ފެނުގެ ހިދުމަތް ދޭން ފަށާފައިވުމާއި، އެ ހިދުމަތް ދިނުން ލަސްވުމުގެ ސަބަބުން ހިދުމަތް ހޯދުމަށް ދެއްކި ފައިސާ އަނބުރާ އިބްރާހިމް ދީދީއަށް ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށް އެއްބަސްވެފައިވާ ލިޔުމެއްް ނެތުމުން އެއީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށެވެ.
އަހުމަދު އިބްރާހިމް ދީދީ އާއި ސަމާބީޗް މޯލްޑިވްސްއާ ދެމެދު ހަދާފައިވާ އެގްރީމެންޓްގައިވާ ގޮތުން އެ އިމާރާތް ކުއްޔަަށް ދިނުމަށް ހަމަޖެހިފައިވަނީ މަހަކު 85،000 ޔޫއެސް ޑޮލަރަށެވެ. އެހެންކަމުން އެއްބަސްވުން ހަދާފައިވާ އެކެއް ނޮވެމްބަރު 2020 އިން އެ މައްސަލަ ކޯޓަށް ހުށަހެޅި އެކެއް ސެޕްޓެމްބަރު 2021 ގެ ނިޔަލަށް ހިނގާފައިވާ 11 މަސްދުވަހުގެ ކުލީގެ ގޮތުގައި 935،000 ޑޮލަރުގެ ގެއްލުމެއް، އެ އިމާރާތަށް ފެނުގެ ހިދުމަތް ނުލިބުމުގެ ސަބަބުން ލިބިފައިވާކަމަށް އަހުމަދު އިބްރާހިމް ދީދީ ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން އެކްސްޕެކްޓެޑް ޑެމޭޖުގެ ގޮތުގައި 14،417،700 ރުފިޔާ ނަގައިދިނުމަށް އެދިފައިވާ އިރު، ހުކުމުގައި ބުނަނީ، އެކްސްޕެކްޓެޑް ޑެމޭޖް އަކީ ދެފަރާތެއްގެ ދެމެދުގައި ހަދާ އެއްބަސްވުމާ ގުޅިގެން، އެއްބަސްވުމާ ހިލާފުވި ފަރާތުގެ ކިބައިން އެއްބަސްވުމުގައި ހިމެނޭ އަނެއް ބައިވެރިޔާއަށް ނަގައިދޭ ބަދަލެއް ކަމަށެވެ.
މި މައްސަލައިގައި ދައުވާ ލިބޭ އެމްޑަބްލިއުއެސްސީ އަކީ އެ އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާއިރު އެއީ އެ ކުންފުނީގެ ފަރާތުން ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށްވެސް ހުކުމްގައިވެއެވެ.
މި މައްސަލައިގައި ވަކީލު ފީގެ ގޮތުގައި 50،000 ރުފިޔާ ނަގައިދިނުމަށް އެދިފައިވާ އިރު، ވަކީލު ފީ ނަގައިދިނުމުގެ އެންމެ އަސާސީ އެއް ޝަރުތަކީ ހަސްމުންގެ މެދުގައި ވަކީލު ފީ އަށް އެއްބަސްވެފައި އޮތުމެވެ. ނަމަވެސް މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ވަކީލު ފީއަށް ނުވަތަ ގާނޫނީ ހަރަދުތަކާ މެދު އެއްބަސްވުމެއް ވެފައެއް ނެތެވެ. އަދި ވަކީލުފީއަށްވާ ފައިސާ ދެއްކިކަން ނުވަތަ ހަރަދުކުރިކަން ސާބިތު ކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ، އެ ފައިސާއަކީވެސް ނަގައިދެވޭނެ ފަސާއެއް ނޫން ކަމަށް ވަނީ ނިންމައިފައެވެ.
އެހެންކަމުން މި މައްސަލައުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން އަހުމަދު އިބްރާހިމް ދީދީ ނަގައިދިނުމަށް އެދުނު 14.5 މިލިއަން ރުފިޔާއަކީ ޝަރީއަތުން ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށް ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު