ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން މަނީލޯންޑާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގެ ނުނިމި އޮތް ބައި އަވަސްކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް، ފުލުހުންގެ ޓީމާ މަޝްވަރާ ކުރައްވައިފިއެވެ.
އެކި ތަންތަނުން އެފްއޭއެމްއަށް ލިބޭ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެ ފައިސާ އިން މަނީލޯންޑާ ކުރިކަމަށް ތުހުމަތު ކުރެވިގެން، އެ މައްސަަލަ ފުލުހުން ތަހުގީގުކުރަމުން ގެންދަނީ ޕްރޮސިކިއުޓަރު ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ޕީޖީ އަމުރު ކުރައްވައިގެންނެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިހާތަނަށް ކުރި ތަހުގީގުގެ ތެރެއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ. ނަމަވެސް އެކަމާބެހޭ ތަހުގީގުތައް އަދިވެސް ދަނީ ކުރިއަށެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، ފުލުހުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ މައްސަލައިގެ މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި އެ މަސައްކަތްތައް ނިންމާނެ ގޮތުގެ ވަގުތު ރޮނގަކާބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.
އަދި އެ މަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕީޖީ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަ ކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
އޭގެ ތެރޭގައި އެ މައްސަލައިގައި އިތުރަށް ތުހުމަތުކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިއަދުގެ ބައްދަލުވުމުގައި އެ މައްސަލައިގައި ފުލުހުން ކުރަން ހުރި މަސައްކަތްތައް ނިންމައި، ވީހާވެސް އަވަހަކަށް ދައުވާކުރުމާމެދު ގޮތެއް ނިންމަން ޕީޖީ އޮފީހަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު