ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ބަހައްޓާ ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު މީހަކު މަރުވެއްޖެއެވެ.

ރޭ ފަތިހު 4:50 ހާއިރު ހިނގި އެ ހާދިސާގައި މަރުވީ ހއ. ހޯރަފުށީ/ ފްރެންޒީ، ހުސައިން ޝިފާއު، 27އ. އެވެ. އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ސްޓެލްކޯ އިން ބުނެއެވެ.

ޓްރާންސްފޯމަރުތައް ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މަރުވެފައި މިވަނީ، ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި ޓްރާންސްފޯމަރުގެ އެކި ބައިތައް ވަގަށް ނަގަމުންދާތީ އެ މައްސަލަ ސްޓެލްކޯ އިން ފުލުހަށް ހުށަހަޅާފައިވަނިކޮށެވެ.

އަދި ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ކަމުގެ އިންޒާރު ވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިދިޔަ ހުކުރު ދުވަހު ދެއްވާފައި ވަނިކޮށެވެ.