ނުކުޅެދުންތެރިކަން ހުންނަ ޒުވާނުން ބާރުވެރި ކުރުމަށް ކެއާ ސޮސައިޓީން ކުރިއަށް ގެންދާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ތަފާތު ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނަށް އެކި ހުނަރުތައް ދަސްކޮށްދީ އެ މީހުން ބާރުވެރިކުރުވައި މުޖުތަމައުގައި އެ މީހުންގެ ބައިވެރިކުރުން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަކީ 2018 ވަނަ އަހަރު އުފެއްދި ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ޕްރޮގްރާމް ހާއްސަކޮށްފައިވަނީ ކޮމްޕިއުޓަރު ބޭނުންކުރުމުގެ ހުނަރާއި ކެއްކުމާއި އާޓްސް އެންޑް ކްރާފްޓް ހުނަރުތައް ތަރައްގީ ކުރުމަށެވެ. މި އަހަރުގެ ޕްރޮގްރާމްގައި މި ވަގުތު 27 ދަރިވަރަކު ކިޔަވަމުންދާ ކަމަށް ކެއާ ސޮސައިޓީން ބުނެއެވެ.
ދިރާގުން ބުނީ، ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަކީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އަމާޒެއް ކަމަށެވެ. އެގޮތުން ކެއާ ސޮސައިޓީން މި އަހަރު ކުރިއަށް ގެންދާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ހާއްސަ މުދައްރިސުންނާއި ކިޔަވައިދިނުމަށް ބޭނުންވާ މުހިންމު ތައުލީމީ ވަސީލަތްތައް ފޯރުކޮށްދެމުން އަންނަ ކަމަށް ބުންޏެވެ.
ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓް އުފެދުނީއްސުރެ ދިރާގުން އަންނަނީ އެ ޖަމިއްޔާގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު