މާލޭ ސިޓީގެ މަގުތައް މަތީ ކުނި ބަހައްޓާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވުމަށް މާލޭ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް، ގިނަ އަދަދެއްގެ ކުނި މަގުތަކަށް ނެރެފައި ބަހައްޓާފައި ހުރުމާއެކު މާލޭ ސިޓީ ކައުންސިލުން ވަނީ ކުނި ނެގުމުގެ މަސައްކަތް ފަށައިފައެވެ. އަދިވެސް ކައުންސިލުން ދަނީ އެކަން ތަކުރާރުވާތީ، ކުނި ނެގުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ސިޓީ ކައުންސިލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތައް ފާހަގަކުރެވެމުންދާ ކަމަށާއި އެގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވީޑިއޯ ފޮނުވުމަށް އެދޭ ކަމަށެވެ.

މާލޭގެ މަގުތަކުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވަން ޖެހެނީ ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ނަމަ 9341144 އަށެވެ. އަދި [ވެބްސައިޓު](https://complaints.malecity.gov.mv/en) މެދުވެރިކޮށް ވެސް ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

މާލޭގެ މަގުތަކުގައި ކުނި ބަހައްޓާ މީހުން ހޯދައި، ސިޓީ ކައުންސިލުން މިހާރު ވެސް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެ މައްސަލައިގައި ދާދި ފަހުން ސިޓީ ކައުންސިލުން ވަނީ 100 އަށްވުރެ ގިނަ މީހުން 500 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުގެ ތަފާސް ހިސާބުތަކަށް ބަލައިލާ އިރު، ރޯދަ މަހުގެ ތެރޭގައި މާލޭގެ މަގުތަކުން އެވްރެޖުކޮށް ދުވާލަކަށް 40 ޓަނުގެ ކުނި ނަގައެވެ. ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ބަހައްޓާ ކުނިތަކުގެ ތެރޭގައި ފަރުނީޗަރާއި ހަލާކުވެފައި ހުންނަ މުދަލާއި ފޮށިގަނޑުތައް ވެސް ހިމެނެއެވެ.