ވިލިމާލޭގައި ހެދުމަށް ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މިއަދު ވިދާޅުވީ، ވިލިމާލެއިން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތެއް ކަމަށެވެ. މި ސަރުކާރުން ވިލިމާލޭގެ ސިއްހީ ހިދުމަތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވިލިމާލޭގައި އަޅުގަނޑު އިއުލާންކޮށްފަވާނެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ވާހަކަ. އެހެންވީމާ އެ މަސައްކަތް މިހާރު އެބަހިނގާ. ޗައިނާގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފަ އޮތީ. މިހާރު ކުރިއަށްދަނީ ޗައިނާގެ ކަމާބެހޭ އިދާރާގެ ބޭފުޅުންނާ އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހެލްތު މިނިސްޓްރީއާ ގުޅިގެން ޓެކްނިކަލް މަސައްކަތްތައް، ޑިޒައިނިންނާއި ޓެކްނިކަލް މަސައްކަތް. އެކަމަށް ބިން ވެސް ކަނޑައަޅާފަ މިހާރު އެއޮތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިޒައިނިން އަދި ޓެކްނިކަލް މަސައްކަތް ނިމުމުން، ހޮސްޕިޓަލް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ވިލިމާލޭގެ ރައްޔިތުންނަށް، ހިތްހަމަޖެހޭވަރުގެ ޓާޝަރީ އެ ހޮސްޕިޓަލު ވަރަށް އަވަހަށް ލިބިގެންދާނެކަމުގެ ޔަގީންކަންދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.