ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، ގްރޫޕް އޭގެ ހުއްރިއްޔާ ވެޓެރަންސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު އެއްވަރު ވެއްޖެއެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗަކީ ދެޓީމުންވެސް މިފަހަރުގެ މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ސިފައިން ފުރަތަމަ ކުޅުނު މެޗުގައި ވިލިމާލެ ޔުނައިޓެޑް ބަލިކޮށްފައި އޮތް އިރު، ހުއްރިއްޔާއިން އޮތީ ޕޮލިސް ކްލަބު ބަލިކޮށްފައެވެ. ދެވަނަ މޮޅެއް ހޯދަން އިއްޔެ ނުކުތް ދެ ޓީމު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވާ އިރު، ދެވަނަ ހާފަށް ނުކުމެ، ހާފުގެ ދެވަނަ މިނެޓުގައި މައުސޫމް އަބްދުލްޣަފޫރު (މާސޭ) ޖެހި ގޯލުން ހުއްރިއްޔާ ލީޑު ނެގިއެވެ. މާސޭ ގޯލު ޖެހީ އާދަމް ލަރީފް (ރޮނާ) ނަގައިދިން ހިލޭ ޖެހުމަކުންނެވެ.

ހުއްރިއްޔާއިން ލީޑު ނަގައި، މެޗުން މޮޅުވާން ދަނިކޮށް، ސިފައިން ކްލަބުން އެއްވަރުކުރީ ނިމެން ދެ މިނެޓަށްވެފައި ހުއްޓައެވެ. އެ ގޯލު ޖެހީ އަބްދުއް ސަމަދެވެ.

މި ފަހަރުގެ ވެޓެރަންސް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް، މުއިވެޔޮގެ އިތުރުން ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯއެވެ.

މުބާރާތުގައި މިއަދު ހަވީރު 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ލެގޫންސް ސްޕޯޓްސް ކްލަބާއި ސްޓެލްކޯ ކްލަބެވެ.