މާދަމާ ރޭ އައްޑޫ އިކުއެޓޯރިއަލް ވިލެޖުގައި ބާއްވަން އޮތް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ އިންތިހާބު ފަސްކުރިކަމަށް ރަސްމީކޮށް އެސޯސިއޭޝަނުން އިއުލާނުކޮށްފިއެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ތިންތިހާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އެންގުމުން ވެސް އެ އެންގުމަށް އެސޯސިއޭޝަނުން އަމަލުކޮށްފައި ނުވާ އިރު، ތޮލާލް އެހެން އަންގަވާފައި ވަނީ އަސާސީ ގަވާއިދަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ފާހަގަވެފައިވާތީއެވެ. އަދި އޭގެ އިތުރުން އެ އެސޯސިއޭޝަނުގެ ރައީސަކަށް ހުރި މޫސާ ނާޝިދު (މޫސަ) ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އިދާރާ ކަންކަންކޮށް، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ޝަކުވާތައްވެސް ލިބިފައި އޮތުމުންނެވެ.
މޫސަގެ މައްސަލަތަކާއި ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތައް މިހާރު އޭސީސީންވެސް ދަނީ ބަލަމުންނެވެ. އެ އެސޯސިއޭޝަންގެ އިދާރާއަށް އޭސީސީން ވަދެފައިވާ އިރު، އޭސީސީން ވަނީ ބެޑްމިންޓަން އިންތިހާބު ހުއްޓާލަން އަންގައިފައެވެ. އޭސީސީން މިހާރު ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ މައްސަލަތަކެއް ތަހުގީގުކުރަމުންދާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ބީއޭއެމްގެ ރައީސަކަށް ހުރި މޫސަ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ބުނާ މައްސަލައެއްވެސް ތަހުގީގުކުރަމުންދެއެވެ.
ތަހުގީގުތަކާއެކު އިންތިހާބު މަޑުޖައްސާލަން ރޭ ބީއޭއެމްއިން ނިންމައި އެކަން ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.
"22 މާރިޗު 2024 ވަނަ ދުވަހަށް ތާވަލުކުރެވިފައިވާ ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ އެކަށިގެންވާ މާހައުލެއް އޮތްކަމަށް މި އެސޯސިއޭޝަނަށް ނުފެންނާތީވެ, އަހަރީ އާންމު ޖަލްސާ ފަސްކުރެވިފައިވާ ވާހަކަ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.،" ރޭ ބެޑްމިންޓަން އެސޯސިއޭޝަނުން ގެޒެޓްކުރި އިއުލާނުގައިވެއެވެ.
ބީއޭއެމްގެ އިންތިހާބަށް ހުޅުވާލި ފުރުސަތުގައި އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލާން ނިންމައި، ފޯމު ހުށަހެޅީ ކުރީގެ ޖެނެރަލް ސެކްރެޓަރީ، އިޝްފާން މުހައްމަދު (އިއްޕަ) އާއި ނުވަ ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ މުހައްމަދު އަޖުފާނެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ މިހާރުގެ ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 24 ގައެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގައެވެ. އެހެންކަމުން، މި މަހުގެ 11 އަށް މިހާރު އޮތް ބޯޑުގެ ދައުރު ވަނީ ހަމަވެފައެވެ.
ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވާތީވެ، މީގެ އަމަލުކުރަންވީ ގޮތެއްގެ ލަފާ ހޯދަން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން ބައިނަލްއަގުވާމީ ފެޑެރޭޝަނާ މަޝްވަރާ ކުރުމުގެ ކަންކަން ކުރުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބައްދަލުވުމުގައި ވަނީ ބެޑްމިންޓަން އެސޯސިއޭޝަނަށް އަންގައިފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް