ރޯދަ މަހާ ދިމާކޮށް މިއަހަރުވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރީގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރާ ހަވާލުވުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށެވެ.

ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ. އެގޮތުން ފާއިތުވި ދެ އަހަރުވެސް ސައުދީން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

މިދިޔަ އަހަރު ކަދުރު ފުރަތަމަ ބަހާފައިވަނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށެވެ. އެއަށްފަހު ބަލައިދާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދޫކުރިއެވެ.

ނަމަވެސް މިއަހަރު ކަދުރު ބެހުމަށް ނިންމާފައިވަނީ ކޮން އުސޫލެއްގެ ދަށުން ކަމެއް އަދި ކަދުރު ބަހަން ފަށާނީ ކޮންއިރަކު ކަމެއް އަދި ހާމައެއް ނުކުރެއެވެ.