އަންނަ މެއި މަހުގެ ތެރޭގައި އީ ވޮލެޓުގެ ހިދުމަތް ތައާރަފުކުރެވޭ ވަރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ގެންދަނީ އީ ވޮލެޓް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
"އެކަމަށް މަސައްކަތްތައް ވަރަށް ބާރަށް އެބަ ހިނގާ. އަޅުގަނޑުމެން އުންމީދު ކުރަނީ އެންމެ ލަސްވެގެން މެއި މަހުގެ ތެރޭގައި އީ-ވޮލެޓްގެ ހިދުމަތް ތައާރަފު ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް އެ ދުވަހު ވިދާޅުވެފައިވަނީ ރާއްޖޭގައި އީވޮލެޓްގެ ޑިޖިޓަލް ހިދުމަތް ގާއިމުކޮށް، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށުމަށް އެމެރިކާ ސަރުކާރާއެކު މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ.
"ރާއްޖޭގައި އީ-ވޮލެޓުގެ ހިދުމަތް ގާއިމުކުރުމަށްޓަކާ ބޭންކް އޮފް މޯލްޑިވްސްއަށް ދަންނަވައިގެން މި ހަފުތާ ތެރޭގައި ސަރުކާރުން ބޭނުންވާ ގޮތަށް ހަމަޖެއްސެމުގެ މަސައްކަތް ފެށުން. އަދި ހަމަ އެއާއެކު އީ-ކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލްސްއަށް އެކްސެސް ހޯދުމާ ގުޅޭ ގޮތުން އެމެރިކާގެ ސަރުކާރާ މަޝްވަރާ ކުރައްވައިގެން މި ހިދުމަތައް އެކްސެސް ލިބޭނެ ގޮތް ހޯއްދެވުމަށް މަޝްވަރާ ކުރެއްވި" ނާޒިމް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ޕޭޕަލް ބޭނުންކުރެވޭ ގޮތް ހަދައިދިނުމަށް މަސައްކަތް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު