ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބު ހުއްޓުވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާކަމުގެ ޝަކުވާތަކެއް ބެލުމުގެ އިތުރުން، އެސޯސިއޭޝަނުގެ ޕްރޮކިއުމަންޓްތަކުގެ ކޮރަޕްޝަނަށް ތުހުމަތުވާ މައްސަލަތަކެއް ބެލުމަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މޫސާ ނާޝިދު (މޫސަ)އާ ގުޅޭގޮތުން ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އިރު، އެކަމުގެ ޝަކުވާތައް އޭސީސީއަށް ވަނީ ހުށަހެޅިފައެވެ. މޫސަގެ މައްޗަށް ތުހުމަތުތައް ކުރުމާއެކު އޭނާ އެސޯސިއޭޝަނުގެ އިންތިހާބު އިއުލާނުކޮށް، އާ އިންތިހާބެއް އަވަސް އަރުވާލައިގެން ބާއްވަން މަސައްކަތް ކޮށްފައިވާ އިރު، އެ އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި އޭސީސީންވެސް މިހާރު ވަނީ މަޑުޖައްސާލަން އަންގައިފައެވެ.
މޫސަގެ ކޮރަޕްޝަންގެ ކަންތައްތަކާ ގުޅޭގޮތުން ބެޑްމިންޓަން އެސޯސިއޭޝަންގައި މަސައްކަތް ކުރި ފަރާތަކުން ވަނީ، ރާއްޖޭގެ ކުޅިވަރުގެ ބޮޑެތި އިދާރާތަކަށް މައުލޫމާތު ހިމަނައި ސިޓީއެއް ފޮނުވައިފައެވެ. ސިޓީގައި ހިމަނާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސްއަށް ފައިދާވާ ގޮތަށް ބޯޅަ ގަތުންވެސް ހިމެނެއެވެ. އަސްކަނި ސްޕޯޓްސްއިން އެސޯސިއޭޝަނާ ދެމެދު މިދިޔަ އަހަރު އެކަނި ވެސް، 300،000 ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އޭގެ އިތުރުން މޫސަގެ މަސްލަހަތު އޮންނަ ގެއަކުން އެޕާޓްމަންޓް ކުއްޔަށް ނަގައި، ކުލި މޫސައަށް ލިބޭ ގޮތަށް އޮންނަ ކަމަށް ތުހުމަތު ވަނީ އަމާޒުވެފައެވެ. އޭގެ އިތުރުން އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ ހިލާފަށް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮފްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުން ވެސް ހިމެނެއެވެ.
"ވަން ސްޕޯޓްސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އޭސީސީން ބަލަމުންދާ އެއް މައްސަލައަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބީއޭއެމްގެ އިންތިހާބަށް ނުފޫޒުފޯރުވަން މޫސަ މަސައްކަތް ކުރި މައްސަލައެކެވެ. އެގޮތުން އިންތިހާބުގައި ވޯޓުލެވޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި، ކޮރަޕްޝަން ހިންގަން މަސައްކަތްތަކެއް ކުރި ކަމުގެ ޝަކުވާ އޭސީސީއަށް ހުށަހެޅިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އޭގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުމާއި ކޮރަޕްޝަންގެ އިތުރު މައްސަލަތައްވެސް ބެލެމުންދާތީ މިވަގުތު އިންތިހާބު މަޑުޖައްސާލަން އޭސީސީން އެންގި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މާދަމާ ބާއްވާ ގޮތަށް އޮތް ބީއޭއެމްގެ އިންތިހާބު ބާއްވަން އޮތީ އައްޑޫ އިކުއެޓޯރިއަލް ވިލެޖުގައެވެ. މިހާތަނަށް ދެ ފަރާތަކުން އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލާފައިވާ އިރު، އޭސީސީގެ އެންގުމާއެކު ދެން އިންތިހާބު ބޭއްވޭނެ ތާރީހެއް އަދި ނޭނގެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް