ބެލެނިވެރިންގެ ވާދަވެރިކަމުގެ ތެރެއިން ތިމާގެ ދަރިއަށްވުރެ، އެހެން ދަރިން ތައުލީމީ ގޮތުން ކުރިއަރައިގެން ނުދިއުމަށް ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ އެންމެ ނުރައްކާތެރި، އެންމެ ހުތުރު އަމަލަކީ ސިހުރު ހެދުމެވެ. އިސްލާމްދީނުގައި ނަހީކުރައްވާފައިވާ އެ ޝައިތޯނީ އަމަލުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް އެކި ކަހަލަ ވޭންތައް ތަހައްމަލު ކުރަން ޖެހެއެވެ.
ސިހުރުތައް ހަދަމުންދަނީ އެއްބައި ކުދިން ވަކި މާއްދާތަކުން ކިޔެވިޔަ ނުދޭށެވެ. އަނެއްބައި ކުދިން ވަކި ކަމަކުން ނުވަތަ ދިރިއުޅުމުގެ މާއިދާނުގައި ކުރިއަށްދިޔަ ނުދޭށެވެ. ކ. ގާފަރުގެ ސްކޫލުގައި ގުރުއާން މުބާރާތަށް ފަރިތަކުރާ ނުވަތަ ގުރުއާން މުބާރާތުން ވަނަތައް ހޯދާ ދަރިވަރުންނަށް ސިހުރުގެ އުނދަގޫ ދިމާވާން ފެށީ މިއަހަރުގެ ގުރުއާން މުބާރާތުގައެވެ.
އެ މުބާރާތަށް ކުދިން ފަރިތަކޮށްދިނުމުގައި އިސްކޮށް މަސައްކަތްކުރައްވާ އެ ރަށުގެ ގްރޭޑް 4 އިން 10 އަށް ގުރުއާން ކިޔަވައިދެއްވާ ޓީޗަރު އަހުމަދު ސޮބާހު "ވަން" އަށް ވިދާޅުވިގޮތުގައި، ގުރުއާން މުބާރާތުން ވަނަ ހޯދާ ކުދިންގެ ޓްރޮފީތަކަށް ސިހުރު ހަަދާފައި ހުރިކަން ފާހަގަކުރެވުނީ މި ރަމަޟާން މަސް ފެށުމުގެ 15 ދުވަސް ކުރިން ސްކޫލުގައި މަސައްކަތް ކުރާ މީހަަކަށް ސިހުރުގެ އުނދަގޫވެގެން ރުގިޔާ ކުރަން ޖެހުނު ހިސާބުންނެވެ.
އެ ރުގިޔާއިން ސްކޫލުގެ އެކި ހިސާބުތަކުން 100 އަށްވުރެ ގިނަ ސިހުރު ހަދާފައި ހުރި ކަމުގެ ނިޝާންތައް ފެނުނެވެ. އެކަކަށް އެކަންތައް ތަކުރާކޮށް ނުކުރެވޭނެ ކަމަށް ބަލައި، އެކަމުގައި ތުހުމަތުތައް ކުރެވެނީ ސްކޫލުގައި މަސައްކަތްކުރާ މުވައްޒަފުންތަކަކަށެވެ. އަދި އެއީ ގާފަރު ސްކޫލުގައި ގުރުއާން ފަރިތަ މޮޅު ކުދިންތަކަކަށް އަމާޒުކޮށްގެން ކުރާ ކަމެއް ކަމަށް ވެސް ތުހުމަތުކުރެއެވެ.
"ސަބަބެއް ކަމަށް ބެލެވެނީ، ގާފަރަކީ ހާއްސަކޮށް ގުރުއާން އުނގަންނައި ދިނުމަށް މަސައްކަތް ކުރާ ރަށަކަށްވުން. މި ރަށުން މަދުވެގެން އަތޮޅު މުބާރާތަށް 80،000 ރުފިޔާ ހޭދަކުރޭ. އެއީ އަތޮޅު ފެންވަރުގައިވެސް އެހެން މުބާރާތަކަށް ހަރަދު ކުރާވަރެއް ނޫން،" ސޮބާހު ވިދާޅުވިއެވެ.
ސޮބާހު ވިދާޅުވިގޮތުގައި، ސިހުރުގެ ސަބަބުން ގުރުއާން ކިޔަވާ ވަކި ކުދިންތަކަކަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވާން ފެށިއެވެ. ކިޔަވަން އިށީނުމާއެކު އަޑުގައި މައްސަލަތައް އުފެދެން ފެށުނެވެ. ކިޔަވަން އުނގަދޫވުމާއި، ހިތުގައި ބިރު އުފެދުމާއި، ސްކޫލަށް ކިޔަވަން ދާން ބޭނުން ނުވުން އަދި ބައެއް ކުދިން ހޯޑުލައި ގައިން ބާރު ދޫވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހުނު ކަމަށް ވެސް ސޮބާހު ވިދާޅުވިއެވެ.
"ގަބުލުކުރަނީ ސްކޫލުގައި ސެކިއުރިޓީ ވަރުގަދަ ތަނެެއްގައި ސްކޫލު މުވައްޒަފެއްގެ އެހީއާ ނުލައި ޓްރޮޕީ ހުރި ހިސާބަށް ނުވަދެވޭނެކަން. އެއީ ފިންގާ ޖަހައިގެން ވަދެވޭ ގޮތަށް ބަންދުކޮށްފައި ހުންނަ ތަނެއް. އަނެއްކާ މިފަހަރު ވަކި ކުއްޖަކަށް ބެލުމެއްނެތި ހުރިހާ ޓްރޮފީތަކަށްވެސް ހުރީ ސިހުރު ހަދާފައި،" ގުރުއާން ޓީޗަރު ކިޔައިދިނެވެ.
ގާފަރު ސްކޫލުގެ ބެލެނިވެރިއެއް "ވަން" އަށް އެކަމާ ގުޅޭ އިތުރު މައުލޫމާތުދެމުން ބުނިގޮތުގައި، ސިހުރު ޖެހިފައިވާ ކަމަށް ފާހަގަކުރެވޭ ކުދިންގެ އުޅުމަށްވެސް ބަދަލުތަކެއް ވަނީ އައިސްފައެވެ. ދީނީ ކަންތައްތަކާ ދުުރުވެ، ނަމާދާއި ކިޔެވުމާއި އަދި ސްކޫލަށް ދާން ބޭނުންނުވާކަން އެ ކުދިންގެ ފަރާތުން ފާހަގަވިއެވެ.
ސޮބާހު ވިދާޅުވިގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން ބެލެނިވެރިން އެކަމުގެ ޝަކުވާތައް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ކުދިން ސްކޫލަށް ދާން ބޭނުންވީމަ ނުވަތަ ދިޔައީމަ ގޮތްގޮތްވާ ވާހަކަ އާއި ދަރިވަރުންގެ ހާޒިރީ ދަށް ވާހަކަތަކުގެ ޝަކުވާ ވަނީ ހުށަހަޅައިފައެވެ. ބައެއް ދުވަހުގެ ހާޒިރީއަށް ބަލައިލާ އިރު، ބައެއް ކްލާސްތަކުގައި ދިހަ ވަރަކަށް ކުދިން މަދު ކަމަށް ސޮބާހު ވިދާޅުވިއެވެ.
ބެލެނިވެރިންގެ ޝަކުވާއާއެކު އެކަކަށް ހެދި ސިހުރު ބާތިލުކުރަން ކުރި މަސައްކަތުން ގާފަރު ސްކޫލުގައި އަލަށް ހަދާފައި ހުރި ސްކޫލު އިމާރާތުގެ 57 ތަނަކުން ސިހުރު ފެނުނެވެ. މުޅި ސްކޫލުން 100 އަށްވުރެ ގިނަ ސިހުރުގެ ނިޝާންތައް ފެނުނު އިރު، މުވައްޒަފުންނަށާއި ވަކިވަކި ކުދިންނަށްވެސް އެކަން ކޮށްފައި ހުރިކަން ވަނީ ފާހަގަވެފައެވެ.
"އެކަމުގެ ތެރޭގައި އުޅެމުން އެނގުނީ ސްކޫލަށްވެސް، ސްކޫލުގެ ބައެއް މުވައްޒަފުންނަށްވެސް، ސްކޫލުގެ ބައެއް ދަރިވަރުންގެ ގޮނޑިތަކަަށާއި ސްކޫލުގެ ބައެއް މުވައްޒަފުން ބޭނުންކުރާ ގޮނޑި ފަދަ ތަކެއްޗަށްވެސް ސިހުރު ހަދާފައި އަދި މިހާރުވެސް ސިހުރު ހަދަމުންދާކަން،" އިތުރަށް ފާހަގަވި ކަންތައްތައް ކިޔައިދެމުން ސޮބާހު ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް ވެރިންގެ ލޯބި ހޯދަން ކޮށްފައި ހުރި ސިހުރުތަކާއި ކުދިން ކިޔަވަން އިށީނދެ އިންނަ ގޮނޑިތަކުގެ ވަށައިގެން ކިޔެވެލި ކިޔެވުމަށްފަހު ފެން އަޅާފައި ހުންނަ ތަންތަން ފެނި، އެކަންކަން ވަނީ ފާހަގަކުރެވިފައެވެ.
އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ ބުދަ ދުވަހު ސޮބާހަށް ގުޅައި، މައުލޫމާތު އޮޅުން ފިލުވައިފައެވެ. އަދި އެކަމާ ގުޅޭ ތަހުގީގެއް ހިންގާނެ ކަމުގެ ޔަގީންކަން މިނިސްޓްރީގެ ފަރާތުން ދިންކަމަށް ސޮބާހު ވިދާޅުވިއެވެ. ނަމަވެސް އެކަމުގައި މިނިސްޓްރީގެ ރަސްމީ ކޮމެންޓެއް އަދި ލިބިފައެއް ނުވެއެވެ.
ސޮބާހު ވިދާޅުވިގޮތުގައި ގާފަރު ސްކޫލުން އެ މައްސަލަ އަދި ފުލުހަށް ހުށަހަޅައިފައެއް ނުވެއެވެ. އެހެންކަމުން ފުލުހުން އެ މައްސަލައިގައި ކުރަމުންދާ މަސައްކަތް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ސިހުރުގެ މައްސަލައާ ގުޅޭގޮތުން ގާފަރު ކައުންސިލުގެ ރައީސް މުބައްޝިރު ޖަލީލު "ވަން" އަށް ވިދާޅުވިގޮތުގައި ގާފަރު ސްކޫލުގެ ދަރިވަރުންގެ ކިޔެވުމާއި ކުދިން މުސްތަގުބަލު ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ކައުންސިލު އޮތީ ތައްޔާރަށެވެ. އަދި އެކަންތައް ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
ކ. ގާފަރު
ކ. ގާފަރު
ކ. ގާފަރު
ކ. ގާފަރު