ސަރުކާރުގެ އަމާޒަކީ ނުނިމި ހުރި 154 ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް 2027ގެ ނިޔަލަށް ނިންމައި ހުޅުވުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރު މިހެން ވިދާޅުވީ، ގާފަރަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.
ކޮމިޝަނަރު ވިދާޅުވީ ގާފަރުގައި މިހާރު އިމާރާތް ކުރަމުން އަންނަ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ރަނގަޅު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. ރަށްރަށުގައި ގާއިމުކުރާ 154 ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން މަސައްކަތް މަޑުޖެހިފައިވާ ތަންތަން ދައުލަތުގެ ކުންފުނިތަކާ ހަވާލުކުރަމުން އަންނަ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
"2027 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ސްޓޭޝަންތަކެއް ނިންމައި ހުޅުވުމަކީ އަމާޒެއް. މީގެ ބޭނުމަކީ ރަށްރަށުގެ ކައުންސިލް އިދާރާތަކާއި އަމިއްލަ ގޭގޭގައި ޕޮލިސް ސްޓޭޝަންތައް ހިންގުން ނިމުމަކަށް ގެނައުން،" ކޮމިޝަނަރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރު ވަނީ ގާފަރު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިމުމުން، އެ ސްޓޭޝަންގެ ފެންވަރާ އެއްވަރަށް އެ ރަށުގައި މަސައްކަތް ކުރާ ފުލުހުންގެ އަދަދު އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނަށް ދިމާވާ ކަންކަން ފުލުހުންގެ ލީޑަރޝިޕުން ވަރަށް ގާތުން މޮނިޓާކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ކޮމިޝަނަރު ވިދާޅުވީ، ސްޓޭޝަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދަކީ ލީޑަރޝިޕުން ޒިޔާރަތް ކުރުމުގައި ބަލާ މިންގަނޑެއް ނޫން ކަމަށެވެ.
"މިއަދު މިތަނަށް، ގާފަރަށް އަޅުގަނޑުމެންގެ ޓީމުގެ މެންބަރުން ގިނަވާނެ މިތާ ތިބި ކުދިންނަށްވުރެ. އެހެންވީމަ ލީޑާޝިޕަށް މުހިންމު ކަމެއް ނޫން ދެ ކުދިން ތިއްބަސް ތިން ކުދިން ތިއްބަސް، އައިސް ބައްދަލުކޮށް ޒިޔާރަތްކުރުން އެއީ މުހިންމު ވި ތަންކޮޅަކީ،" ކޮމިޝަނަރު ވިދާޅުވިއެވެ.
މާލޭގައި ތިއްބެވި ނަމަވެސް، އަތޮޅުތެރޭގައި ހިނގާ ކަންކަމުގެ މައުލޫމާތު ކޮންމެ ދުވަހަކު ވެސް ގާތުން ބައްލަވައި، ސީދާ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު ކަންކަމުގެ ތެރެއަށް ވެދެވަޑައިގެން އޮޅުންފިލުއްވަމުން ގެންދަވާ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް
ކޮމެންޓް