ހަތްދިހަ ހަތް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ކަމަށް ކޮންސްރަކްޗަން އެންޑް އިންފްރާސްރަކްޗާގެ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރޭޑިއޯ ބިލްޑިންގެ ސެނަކޯ މާލަމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ފެނާއި ނަރުދަމާގެ 27 މަޝްރޫއެއް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި ކަމަށެވެ.

"ގާތްގަޑަކަށް 100 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް. ދެ ހިދުމަތް އެއްކޮށް ބައެއް ރަށްރަށުގައި ނުލިބި އެބަހުރި. ބައެއް ރަށްރަށުގައި ފެނުގެ ހިދުމަތް ބައެއް ރަށްރަށުގައި ނަރުދަމާގެ ހިދުމަތް އަނެއް ބައި ރަށަތަކުގައި ދެ ހިދުމަތް އެކީ. އޭގެތެރެއިން 4 ރަށެއްގެ މަސައްކަތް މިހާރުވަނީ ފެށިފައި. ޖުމުލަ 77 ރަށެއްގެ މަސައްކަތް ކުރިޔަށް އެބަދޭ،" މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު އިރުތަށް ވިދާޅުވީ، ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ޖުމުލް 177 މަޝްރޫއުއެއް ކޮންޓްރެކްޓްކޮށް 97 ރަށެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި އޭގެތެރެއިން 30 މަޝްރޫއުއެއް ވަނީ ހުއްޓިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހުއްޓިފައިވާ މަޝްރޫއުތަކުގެ ތެރެއިން 23 މަޝްރޫއުގެ މަސައްކަތް ވަނީ އަލުން ފެށިފައި. މިހާރު ބަޖެޓުގައި ހިމެނިފައިވާ ޑިޒައިން މަސައްކަތް އަދި ސާވޭ މަސައްކަތް މިހާރު މިނިސްޓްރީން ކުރަނީ.

ހުއްޓިފައިވާ މަސައްކަތްތައް ހުއްޓިފައި ހުރުމުގެ އެއް ސަބަބަކީ އެމްޓީސީސީން ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާ. މިސާލަކަށް ތެޔޮ ނުލިބުން އަދި ހިލަ ގެނައުމަށްޓަކާ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާ މިކަހަލަ މަސައްކަތްތައް ހުރުމުގެ ސަބަބަުން އެއްކޮށް މަސައްކަތްތައް ހުއްޓިފައި ހުރި،" މިނިސްޓަރުވިދާޅުވިއެވެ.

ނަމަވެސް މިހާރު އެމްޓީސީސީގެ މެނޭޖުމަންޓާއި ސަޕްލަޔަރުން މަސައްކަތް ކޮށްގެން ސަޕްލަޔަރުންނަށް ޕޭމަންޓްތައް ދެއްކުމުން، ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފެށުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށާއި ސަރުކާގެ ތެރެއިން ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިން ނަމަވެސް ހިލަ ގެނައުމަށް ވަގުތު ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.