ދެކުނު ކޮރެއާގެ ކާގޯ ޓޭންކަރެއް ބަންޑުން ޖަހާލައި އަށް މީހުން މަރުވެއްޖެއެވެ.

ދެކުނު ކޮރެއާ އަށް ނިސްބަތްވާ އެ ކާގޯ ޓޭންކަރު ބަންޑުން ޖަހާލާފައިވަނީ ޖަޕާނުގެ އައްސޭރިފަށާ ދިމާލަށް ކަމަށް އޮފިޝަލުން ބުނެއެވެ. އެ ޓޭންކަރުން 11 މީހުން ދަތުރުކުރިއެވެ.

ދަ ކެޔޮޔަން ސަން ނަމަކަށް ކިޔާ އެ ޓޭންކަރު ބަންޑުން ޖަހާލުމާއެކު ޖަޕާނުގެ ކޯސްޓް ގާޑުން ވަނީ ރެސްކިއު އޮޕަރޭޝަން ފަށައިފައެވެ. ޖަޕާނުގެ ކޯސްޓް ގާޑް އޮފިޝަލުން ވަނީ ބޯޓުން ދަތުރުކުރި އެކަކު ސަލާމަތް ކޮށްފައިވާ ކަމަށާއި ދެ މީހަކު ގެއްލިގެން ހޯދަމުން ދާކަމަށް ބުނެފައެވެ.

ބުދަ ދުވަހު އެހާދިސާ ހިނގުމުގެ ކުރިން އެބޯޓުން އެހީއަށް އެދި ރޭޑިއޯ މެދުވެރިކޮށް ގޮވާފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ. ނަމަވެސް ބަންޑުން ޖަހާލީ މޫސުން ގޯސްވެގެން ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ އެޓޭންކަރުގައި 980 ޓަނުގެ އެކްރީލިކް އެސިޑް ބަރުކޮށްފައި ހުރި ކަމަށާއި ބަންޑުން ޖަހާލުމާއެކު ތިމާވެއްޓަށް އެކަމުން ހުރި ނުރައްކާ ބަލަމުން އަންނަ ކަމަށް ބުނެފައިވެއެވެ. އެކްރީލިކް އެސިޑަކީ ރެސިން އާއި ކުލަދަވާދު އުފެއްދުމަށް ބޭނުން ކުރާ ކެމިކަލެކެވެ.