ރާއްޖެއާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތުރުކީ އާއެކު ގާއިމުކުރާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރީމެންޓް ނުވަތަ ހާއްސަ މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފުރަތަމަ ބައްދަލުވުން މިއަދު މެންދުރު އިކޮނޮމިކް މިނިސްޓްރީގައި ބާއްވާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅަށްފަހު ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރީމެންޓަކީ އެކަމުގެ ބައެއް ކަމަށް ވިދާޅުވިއެވެ.

އިތުރު ތަފުސީލު ދެއްވަމުން ސައީދު "ވަން" އަށް މިރޭ ވިދާޅުވީ އެއްބަސްވުމުގައި ބޮޑަށް ހިމެނޭނީ ރާއްޖެއަށް ތުރުކީން އެތެރެކުރާ ގިނަ މުހިންމު ބާވަތްތަކާއި ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ލުއިތަކެއް ދިނުމަށް ކަމަށެވެ.

ރައީސް މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ކާޑު ގެނައުމަށް ވަކި ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ތުރުކީ އާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

"ހަނޑޫ، ހަކުރު ފުށާއި އެކި ބާވަތްތައް ތުރުކީން މިހާރު އެއް އަހަރާއި އިތުރު ދިހަ އިންސައްތައަށްވާ ވަރަށް ލިބުމަށް އެއްބަސްވުން ވަނީ ހެދިފައި، ތުރުކީން އަހަރަކާއި އިތުރު ދިހަ އިންސައްތައަށްވާ ވަރަށް ކާޑުގެ ބާވަތްތައް ގެނައުމަށް އެއްބަސްވުމުގައި މިހާރު ވާނީ ސޮއިކޮށްފައި،" ރައީސް ވިދާޅުވިއެވެ.