ސިނަމާލެ ބުރިޖުގެ މެއިންޓެނަންސް މަސައްކަތް ތިން އަހަރަށް ޗައިނާ ކޮމިއުނިކޭޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)އާ ހަވާލުކޮށްފިއެވެ.

މިއަދު ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޮން ލިޒިންގްއެވެ.

އެ އެއްބަސްވުމުގެ ދަށުން، ސިނަމާލެ ބުރިޖުގެ މެއިންޓެނަންސް ސީސީސީސީ ކުންފުނިން ކުރިއަށް އޮތް ތިން އަހަރު ކުރާނެއެވެ. އޭގެ އިތުރުން އެ މަސައްކަތަށް ބެނުންވާ ދިވެހިން އުފެއްދުމާއި، ތަމްރީނު ކުރުމާއި، އިނިޝިއަލްގެ މަރާމާތުގެ މަސައްކަތާއި، ބުރިޖު ބެލެހެއްޓުމުގެ (މެއިންޓެނަންސް) މަސައްކަތް ދިރާސާކުރުމަށް އެސެސްމަންޓުތައް ހެދުމާއި ރިކޯޑު ބަލަަހައްޓާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

"މިއަދު ކުރި އެއްބަސްވުމުގެ ދަށުން މެއިންޓެނަންސް މަސައްކަތްތައް ކުރުމަށް ދިވެހި ގާބިލު ޓެކްނިޝަނުން އުފެއްދުން ހިމެނޭ،" އެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

އެ މަސައްކަތް ކުރިންވެސް ކުރަމުން ދިޔައީ ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. ޗައިނާގެ ހިލޭ އެހީ އަދި ލޯނުގެ ދަށުން 200 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރި އެ ބުރިޖު ބޭނުންކުރަން ފެށީ 2018 ވަނަ އަހަރުއެވެ. އަދި 2018 އިން 2020 ވަނަ އަހަރުގެ ނިޔަލަށް އެ މަސައްކަތްކުރީ ސީސީސީސީންނެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު ވަގުތީގޮތުން ސްޓެލްކޯ އިން ވެސް ބުރިޖުގެ މަރާމާތުގެ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް ސްޓެލްކޯ އިން މަރާމާތުކުރުމާ ހަވާލުވެފައިވަނީ ބުރިޖަށް އަރާއިރު ހުންނަ ގިޑިގެއެވެ.