ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެން އެ އެސޯސިއޭޝަންގެ އިދާރާއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެއްޖެއެވެ.
"ވަން ސްޕޯޓްސް" އަށް ވާހަކަ ދައްކަމުން އޭސީސީގެ އޮފިޝަލަކު ވިދާޅުވީ ބަލަމުންދަނީ ބީއޭއެމްއިންގެ ތެރެއިން އިދާރީ ގޮތުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ބެލުމަށް އެ އީދާރާއަށް ވަދެ ހަރަކާތްތެރިވަމުންދާ ކަމަށެވެ. މިވަގުތު ބަލަމުންދާ މައްސަލައަކީ ވަކި މީހަކަށް ރައްދުވާ މައްސަލައެކޭ އަދި ބުނެވެން ނެތް ކަމަށާއި ބަލަމުންދަނީ އެސޯސިއޭޝަންގެ މައްސަލަތައް ޖުމުލަކޮށް ކަމަށްވެސް އޮފިޝަލު ބުންޏެވެ.
މިމަހުގެ 22 ވަނަ ދުވަހު އައްޑޫ އިކުއެޓޯރިއަލް ވިލެޖުގައި ބާއްވަން ތާވަލުކުރަން މަސައްކަތް ކުރަމުންދާ ބީބީއޭއެމްގެ އިންތިހާބު އޮތީ މައްސަލަގަނޑެއްގެ ތެރޭގައެވެ.
އިންތިހާބު މިހާރު ކުރިއަށްދާ ގޮތަށްދާ ނަމަ ބަލައިނުގަންނާނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވިދާޅުވެފައިވާ އިރު، ތޮލާލް ވަނީ އެ އެސޯސިއޭޝަނަށް، އަސާސީ ގަވާއިދަށް ބަދަލު ގެންނަންވެސް އިއްޔެ އަންގަވައިފައެވެ. އެހެން އަންގާފައި އޮތް ނަމަވެސް ބެޑްމިންޓަން އެސޯސިއޭޝަނުން ދަނީ އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންނެވެ.
އެ އެސޯސިއޭޝަންގެ އިންތިހާބު ފަސްކުރަން އަންގާފައިވަނީ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ)އާ ގުޅޭ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމުގެ ތުހުމަތުތަކުގެ ޝަކުވާތަކާއި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުނުކޮށް ކުރިއަށްދާތީއެވެ.
މޫސަގެ ކޮރަޕްޝަންގެ ކަންތައްތަކާ ގުޅޭގޮތުން ބެޑްމިންޓަން އެސޯސިއޭޝަންގައި މަސައްކަތް ކުރި ފަރާތަކުން ވަނީ، ރާއްޖޭގެ ކުޅިވަރުގެ ބޮޑެތި އިދާރާތަކަށް މައުލޫމާތު ހިމަނައި ސިޓީއެއް ފޮނުވައިފައެވެ. ސިޓީގައި ހިމަނާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސްއަށް ފައިދާވާ ގޮތަށް ބޯޅަ ގަތުންވެސް ހިމެނެއެވެ. އަސްކަނި ސްޕޯޓްސްއިން އެސޯސިއޭޝަނާ ދެމެދު މިދިޔަ އަހަރު އެކަނި ވެސް، 300،000 ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އޭގެ އިތުރުން މޫސަގެ މަސްލަހަތު އޮންނަ ގެއަކުން އެޕާޓްމަންޓް ކުއްޔަން ނަގައި، ކުލި މޫސައަށް ލިބޭ ގޮތަށް އޮންނަ ކަމަށް ތުހުމަތު ވަނީ އަމާޒުވެފައެވެ. އޭގެ އިތުރުން އެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ހިލާފަށް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮފްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުން ވެސް ހިމެނެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް