މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ބަލަހައްޓަން ހަދާ "ޕެޓް ކެއާ ފެސިލިޓީ" ގާއިމުކުރުމުގެ އަމަލީ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

ހުޅުމާލެ ފޭސް ދޭއްގެ ރަތް ފްލެޓްތައް ކުރިމަތީ އިމާރާތްކުރާ ޕެޓް ކެއާ ފެސިލިޓީއަކީ މާލެ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ކުރިއަށް ގެންދާ ޕްރެޖެކްޓެކެވެ.

އެ ފެސިލިޓީގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލެ ސިޓީ ކައުންސިލުގެ ރައީސް އާދަމް އާޒިމް އަދި އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު މަރްޔަމް ވިޝާމާ އަހްމަދުއެވެ.

އެ މަސައްކަތުގެ ދަށުން، އެންމެ ފުރަތަމަ ހެދުމަށް ނިންމާފައިވަނީ ކެޓު ޝެލްޓާގެ މަސައްކަތް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި އެ ޕްރޮޖެކްޓް ނިމޭ އިރު އެކި ވައްތަރުގެ ޕެޓު ކެއާ ފެސިލީޓީތައް ގާއިމު ކުރާނެ ކަމަށް ވެސް ބުންޏެވެ.

މާލެ ސަރަހައްދުގައި ގާއިމުކުރާ ވަގުތީ ޝެލްޓާ އިމާރަތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އަދި އެކަމަށް ސަރުކާރުން ވަނީ ހުޅުމާލެއިން 5،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފައެވެ. ކުރިއަށް އޮތް 20 ދުވަސްތެރޭ ފެންސް ޖަހައި ނިމޭނެ ކަމަށާއި އަދި އިމާރާތުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މުޖުތަމައެއްގައި ލޯތްބާއި އޯގާތެރިކަން އުފައްދަންޖެހޭ. އެގޮތުން ޖަނަވާރުންދެކެ ލޯބިވާ މުޖުތައުއަކީ ވަރަށް މުހިންމު މުޖުތަމައުއެއް. އަޅުގަނޑުމެންނަށް އެބަ ފެނޭ ބުޅާތައް އުޅޭ ހާލާއި އެއްޗެހި. އެހެންވީމަ ބުޅަލެއް ވިޔަސް އަދި ދޫންޏެއްވިޔަސް އެއީ އެއަށް އޯގާތެރިކަން ނުލިބޭ އެއްޗެހިކަމުގައި ނުދެކެން. އެގޮތުގެ މަތިން ސަރުކާރާއި ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރިޔަށްގެންދާނެ،" ރަސްމިއްޔާތުގައި އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އެންމެ ފުރަތަމަވެސް މަސައްކަތް ކުރާނީ ބުޅާތައް ނިއުޓްރިލައިޒް ކުރުމަށް ފަހު މާލެ، ހުލުމާލެ އަދި ވިލިމާލެ މަގުތަކުގައި ގިނަވެފައިވާ ބުޅާތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. މިއީ ހަފުތާ 14 ހިމެނޭ މަސައްކަތެކެވެ.

ޕެޓް ކެއާ ޝެލްޓާގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރީ މިދިޔަ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.