ހުޅުމާލޭގައި ދިރިއުޅޭ ކުދިންނަށް ތައުލީމު ލިބިދޭކަން ކަށަވަރު ކުރަން އެތަނުގައި އިތުރު ހަ ސްކޫލް އިމާރާތް ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގެ މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި، ހުޅުމާލޭ ދެވަަނަ ފިޔަވަހީގައި ދިރިއުޅޭ ކުދިންނަށް ތައުލީމު ދިނުމަށް އިތުރު ކިތައް ސްކޫލް ބޭނުންވާނެތޯ، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަލީ ނިޔާޒު ވިދާޅުވީ ހުޅުމާލެ އަށް އިތުރު 14 ސްކޫލް ބޭނުންވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ވެރިކަމުގައި ހުޅުމާލެ ފޭސް ދޭއްގައި، އިމާރާތް ކުރުމަށް އާރުސީސީއާ ހަވާލު ކުރި ސްކޫލްގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. ނަމަވެސް ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭގައި އުޅޭ ކުދިންނަށް ތައުލީމު ލިބޭކަން ކަށަވަރު ކުރުމަށް އޭގެ އިތުރުން މިހާރުން މިހާރަށް ހަ ސްކޫލް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލެ ދެވަަނަ ފިޔަވަހީގައި ހުންނަ ހަމައެކަނި ސްކޫލް ސަލާހުއްދީން ސްކޫލްގެ ކިޔެވުން ދެ ސެޝަނަށް ހަދާފައިވާ މައްސަލައިގައި ވެސް އަލީ ނިޔާޒު ސުވާލު ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެއީ ހިތައް ފަސޭހަވެގެން ކުރިކަމެއް ނޫން ކަމަށާއި އެއީ މިނިސްޓަރީއަށް ކުރަން ލާޒިމު ކަމެއް ކަމަށެވެ.
ބޭނުންފުޅު ވަނީ ސްކޫލްތައް އެއް ސެޝަނަށް ހަދަން ނަމަވެސް، އެކުއްޖަކު ދިރިއުޅޭ ތަނަކުން ތައުލީމު ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއަކަށް ވާތީ ދެސެޝަނަށް ބަދަލުކޮށްގެންވެސް އެކަން ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލްތައް އެއް ސެޝަނަށް ހެދުމަކީ ދެވޭ ތައުލީމުގެ އިތުރަށް ޓީޗަރުންގެ ދުޅަ ހެޔޮ ކަމާއި ބެލެނިވެރިންނަށް ލުއިތައް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަށާޖެހޭ ފުރިހަމަ ނިޒާމަކުން ތައުލީމު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މި ދަނޑިވަޅުގައި އެގޮތަށް ކަން ކުރެވެން ނެތްކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި އުޅޭ ކުދިންނަށް ތައުލީމު ލިބޭކަން ކަށަވަރު ކުރުމަށްޓަކައި ހުޅުމާލެ ފޭސް ދޭކަށް ހަތަރު ސަކޫލް އަދި ފޭސް އެކަކަށް މިހާރުން މިހާރަށްވެސް ދެ ސްކޫލް ބޭނުންވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު