އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ފޮރިން މިނިސްޓަރުންގެ 52 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ރަސްމީ އިރާގަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރު އިރާގަށް ފުރާވަޑައިގެންނެވީ މިއަދެވެ. އޯއައިސީގެ ފޮރިން މިނިސްޓަރުންގެ 52 ވަނަ ބައްދަލުވުމުން އޮންނާނީ އިރާގުގެ ބަގްދާދުގައެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މައިގަނޑު ގޮތެއްގައި ވަކާލާތުކުރުމަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށާއި އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި އިގުތިސޯދީ އަދި އިޖުތިމާއީ ގުޅުންތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުމަށް ކަމަށެވެ.

އެގޮތުން ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް މެންބަރު ހުރިހާ ގައުމުތަކުން ގޮވާލުމަށާއި އެ ގައުމުގެ ރައްޔިތުންގެ ހިމާޔަތުގައި އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އަމަލީ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުމަށް މި ސެޝަންގައި ބާރުއެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން، އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން އިސްލާމީ ގައުމުތަކުގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކާބޯތަކެއްޗާއި އަސާސީ މުދާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުން ވެސް ހިމެނެއެވެ. އަދި ދަނޑުވެރިކަމާއި ޓެކްނޮލޮޖީ، ޑިޖިޓަލައިޒޭޝަން، ސިއްހީ ދާއިރާގެ އިތުރުން އިޖުތިމާއީ ކަންކަމުގައި މެންބަރު ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށް ވެސް ބާރުއަޅާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެ، އޯއައިސީގެ މެންބަރަކަށްވިތާ 50 އަހަރު ފުރިފައިވާ އިރު، މި ދަތުރުފުޅުގެ ހަވާސާގައި އިރާގުގެ ފޮރިން މިނިސްޓަރުގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ވެސް މިނިސްޓަރު އިރުތިޝާމް ބައްދަލުކުރައްވާނެއެވެ.